އެސްޓޯއޯގެ އެދުމުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ މެރީޑިއަމް ސާވިސަސްގެ މައްޗަށް އެސްޓީއޯ އިން ކުރި 19 މިލިއަން ރުފިޔާގެ ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ހުކުމްގައި ބުނަނީ އެސްޓީއޯގެ ބޯޑުން ނިންމަން ޖެހޭ ކަންކަން ނިންމިފައިނުވާތީ އެ ދައުވާ ބާތިލުކޮށްދިނުމަށް އެސްޓީއޯ އިން އެދިފައިވާތީ އެމައްސަލައިގެ ދައުވާ ފޯމް ބާތިލުކޮށް އެ މައްސަލަ އިތުރަށް ބަލައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ހުކުމްކުރީ ކަމަށެވެ.

އެސްޓީއޯ އިން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ނުކުރެވުނީ ސަރުކާރަށް އައި ބަދަލާ ގުޅިގެން އެސްޓީއޯގެ ބޯޑުގެ މެންބަރުން ހަމަނުވާތީ ކަމަށް އެސްޓީއޯ އިން އެ ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެސްޓީއޯ އިން މެރީޑިއަމްގެ މައްޗަށް ދައުވާ ކުރަނީ މެރީޑިއަމް އިން އެސްޓީއޯ އިން ކްރެޑިޓަށް ނަގާފައިވާ ތެލަށް ދައްކަން ޖެހޭ ފައިސާއާ އަދި އެ ފައިސާ ދައްކަން ޖެހޭ މުއްދަތަށް ދައްކާފައި ނުވާތީ ޖޫރިމަނާއަށް އަރާފައިވާ ފައިސާއާ އެކު ޖުމްލަ 19.3 މިލިއަން ރުފިޔާ ހޯދުމަށެވެ.