02 Apr 2023, 10:36
މޯލްޑިވިއަން އިން އަލަށް ގެނައި ދެ އޭޓީއާރް 600-72 މަރުކާގެ ބޯޓުތަކުގެ ތެރެއިން އެއް ބޯޓު، އިންޑިއާގެ ކޮޗިންއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރަން ފަށައިފިއެވެ.
"ސަން" އަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ އޮފިޝަލެއް ވިދާޅުވީ، އޭޓީއާރް މަރުކާގެ ބޯޓުތައް ބޭނުން ކުރަން ފެށީ ޑިމާންޑް ދަށް ވުމުގެ ސަބަބުން ކަމަށެވެ. މި ބޯޓުތައް ބޭނުން ކުރި ނަމަވެސް، ކުރިން ވެސް ބޭނުން ކުރަމުން އައި އޭ320/320 މަރުކާގެ ބޯޓުތައް ކޮޗިންއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މޯލްޑިވިއަން އިން އަލަށް ގެނައި އޭޓީއާރް ތަކަކީ އިންޑިޔާގެ ކޮޗިންއަށް ވެސް ދަތުރުކުރެވޭ ވަރުގެ ކެޕޭސިޓީ ހުރި ބޯޓުތައް ކަމަށެވެ. މިއީ މޯލްޑިވިއަން އިން އަލަށް ގެނައި ދެ އޭޓީއާރް ބޭރުގެ އުދުހުމެއްގައި ބޭނުން ކުރި ފުރަތަމަ ފަހަރެވެ.
މޯލްޑިވިއަންގެ އޭޓީއާރް 600-72ގެ ބޯޓެއް އިންޑިއާގެ ކޮޗިންއަށް ދަތުރު ކުރާ ކަމުގެ ސްކްރީން ޝޮޓެއް ވެސް ވަނީ ޢާންމުވެފައެވެ.

މޯލްޑިވިއަން އިން އޭޓީއާރް މަރުކާގެ ދެ ބޯޓު ގެނައީ ރާއްޖޭގެ އެތެރޭގެ އުދުހުން ތަކުގައި ބޭނުން ކުރާ ޑޭޝް މަރުކާގެ ބޯޓުތަކުގެ ބަދަލުގައެވެ. އެހެންވެ، އަލަށް ގެނެވުނު ދެ ބޯޓު ޚާއްސަވީ އެތެރޭގެ އުދުހުން ތަކަށް ނަމަވެސް، އެ ބޯޓުތައް ބޭރުގެ އުދުހުން ތަކުގައި ވެސް ބޭނުން ކުރަން މޯލްޑިވިއަން އިން މި ވަނީ ފަށައިފައެވެ.
އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރަން ގެނައި އޭޓީއާރު 600-72 މަރުކާގެ ބޯޓަކީ 74 މީހުންގެ ޖާގައިގެ ބޯޓެކެވެ. މޯލްޑިވިއަން އިން ދަނީ އޭޓީއާރު 600-72 ދެ ބޯޓުގެ އިތުރުން، އޭޓީއާރު 600-42 މަރުކާގެ ބޯޓެއް ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މި ތިން ބޯޓުގެ ޖުމްލަ އިންވެސްޓްމަންޓްގެ އަގު 863.5 މިލިއަން ރުފިޔާއަށް (56 މިލިއަން އެމެރިކާ ޑޮލަރަށް) އަރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން އަލަށް މޯލްޑިވިއަން އިން ގެންނަ ތިންވަނަ ބޯޓު މިއަދު މެންދުރުގެ ވަގުތެއްގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.