ސްޕެނިޝް ލަލީގާގައި އެލްޗޭ އަތުން ބާސެލޯނާ ހޯދި މޮޅާ އެކު އެ ޓީމަށް ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ.

ރޭ އެލްޗޭގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ބާސާއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ބާސާއިން ވަނީ މޮޅު ކުޅުމެއް ކުޅެ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މެޗުގެ 20ވަނަ މިނެޓުގައި ބާސާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ބާސާގެ ރޮނާލްޑް އަރައުހޯ ބޮލުގައި ޖެހިފައި އެ ޓީމުގެ ރޮބާޓް ލެވަންޑޯސްކީއަށް ލިބުމުން އޭނާ އެއް ފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 56ވަނަ މިނެޓުގައި ބާސާއިން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެ ގޯލަކީ އެލްޗޭ ހާފު މެދުން ބާސާގެ އަންސޫ ފަޓީއަށް ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ބާސާއާއި އެލްޗޭ ބައްދަލުކުރި މެޗުގެ ތެރެއިން ----

މެޗުގައި ބާސާއިން ޖެހި ތިން ވަނަ ގޯލަކީ ގަވީ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން މެޗުގެ 66ވަނަ މިނެޓުގައި ލެވަންޑޯސްކީ ޖެހި ގޯލެކެވެ. އެ ގޯލާއެކު އޭނާ ވަނީ ލަލީގާ މި ސީޒަންގައި 17 ގޯލު ބާސާއަށް ޖަހައިދީފައެވެ.

އޭގެ ހަތަރު މިނެޓު ފަހުން ބާސާއިން ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ވެސް ޖަހައިފައެވެ. އެ ގޯލަކީ އެލްޗޭ އޭރިއާ ރޮނގުމަތިން ފެރާން ޓޮރެސް ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

މި މޮޅާ އެކު ބާސާއަށް ވަނީ ލަލީގާ ތާވަލުގެ އެއްވަނައިގައި 15 ޕޮއިންޓު ލީޑެއް ލިބިފައެވެ.

އެ ޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 27 މެޗު ކުޅެ 71 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑު ބާސާއަށް ވުރެ އެއް މެޗު މަދުން ކުޅެ ލިބިފައިވަނީ 56 ޕޮއިންޓެވެ. އަދި ރޭގެ މެޗުން ބަލިވި އެލްޗޭ ތާވަލުގެ ފުލުގައި އޮތީ 27 މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ.