02 Apr 2023, 09:50
ޑިޒްނީގެ މަގުބޫލު ކަލްޓް ކްލެސިކް އެނިމޭޝަން ފިލްމެއް ކަމަށްވާ "ލީލޯ އެންޑް ސްޓިޗް"ގެ ލީޑް ރޯލަށް ތުއްތު ކުއްޖަކު ކާސްޓު ކޮށްފިއެވެ.
ޑިޒްނީއިން 2002 އިން ނެރުނު އެނިމޭޓެޑް ފިލްމަށް ބިނާކޮށް ލައިވް އެކްޝަން ފިލްމެއް ތައްޔާރު ކުރަން އުޅޭ ކަން އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެއަށް ފަހު އަންނަނީ ފިލްމާ ގުޅޭ ތަފާތު މައުލޫމާތު ހިއްސާ ކުރަމުންނެވެ.
އެގޮތުން ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައިވަަނީ އޮސްކާ ނޯމިނޭޓްވެފައިވާ ޑީން ފްލެޗާ ކޭމްޕެވެ. އަދި މި ފިލްމަކީ ސިނަމާތަކަށް ނެރުމުގެ ބަދަލުގައި ޑިޒްނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް" އަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމެއް ކަމަށް ވެސް މައުލޫމާތު ދެއެވެ.
ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގެ ލީޑް ކެރެކްޓާ "ލީލޯ"ގެ ރޯލަށް މިހާރު ވަނީ އެކްޓަރެއް ކާސްޓުކޮށްފައެވެ. އެ ރޯލަށް ހަމަޖައްސާފައިވަނީ މައިޔާ ކެލޯހާ ނަމަކަށް ކިޔާ ތުއްތު ކުއްޖެކެވެ. މި ފިލްމަކީ މައިޔާގެ ފުރަތަމަ ފިލްމެވެ.
ސްޓިޗްގެ ރޯލަށް އަޑުއެޅުމަށް ހަމަޖެހިފައިވަނީ ހޮލީވުޑްގެ ބޮޑު ނަމެއް ކަމަށްވާ ޒެކް ގެލިފިއާނާކިސެވެ.
ލީލޯ އެންޑް ސްޓިޗްގެ ވާހަކަ ބިނާވެފައި ވަނީ ހަވާއީގައި އުޅޭ ތުއްތު ކުއްޖެއްގެ ދިރިއުޅުމަށެވެ. ހަމައެކަނި ދައްތަ އެއްގެ ބެލުމުގެ ދަށުގައި ހުންނަ ލީލޯގެ ދިރިއުޅުން ބަދަލުވަނީ އޭލިއަން އެއް ލީލޯ އާ ދިމާވާ ހިސާބުންނެވެ. ލީލޯ އެ އޭލިއަން އަށް ސްޓިޗްގެ ނަމުން ނަން ދެއެވެ. ނަމަވެސް ސްޓިޗްގެ ސިއްރުތަކެއް ވެއެވެ. މި ސިއްރުތައް ފިލްމުން ފެނިގެންދާނެއެވެ.
ލައިވް އެކްޝަން ފިލްމު ނެރޭނެ ދުވަހެއް އަދި ނޭނގެއެވެ.