ސަރުކާރުން އަންގާ އެންގުންތަކަށް ތަބާނުވެ، މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް ހައުންސިން މިނިސްޓަރު މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައިވާ ތަންތަން ހައުސިން މިނިސްޓްރީ އަށް ބަދަލު ކުރަމުންދާ މައްސަލާގައި މުއިޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ބިންތައް ސަރުކާރަށް ނަގަމުން ދަނީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި ގަވާއިދުގެ ދަށުން ސަރުކާރާއެކު ވެފައިވާ އެގްރިމެންޓްތަކުގައިވާ ގޮތުން އެ ބިންތަކާއި އިމާރާތްތައް ސަރުކާރަށް އަނބުރާ ނެގޭނެ ކަމަށް މުއިޒް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށް އިޝާރާތް ކުރައްވައި މުއިޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ހިންގަމުންދާ ހުރަވީ ބިލްޑިގުގެ ގުރައުންޑް ފުލޯއަކީ ހުސްކޮށް ހުރިތަނެއް ކަމަށާއި އެތަން ހުސްކުރަން މިނިސްޓްރީ އިން އެންގުމުން ސިޓީ ކައުންސިލްގެ ޕަބްލިކް ހެލްތާ ބެހޭ އޮފީހެއް މިދިޔަ ބުދަ ދުވަހުގެ ރޭ އެތަނަށް ބަދަލު ކުރަން އުޅުނު ކަމަށެވެ. އަދި އެތަނަށް ސިޓީ ކައުންސިލްގެ އޮފީހެއް ބަދަލު ކުރަން އުޅުމުން ފުލުހުން ފޮނުވައިގެން ފޯރިމަރަން ފެށި ކަމަށް މުއިޒު ވިދާޅުވި އެވެ.

"އަވަސް އަވަސް އަރުވާލައިގެން އުޅުނީ ހުރަވީ ބިލްޑިންގައި ހުސްކޮށް ހުރި އިމާރާތަށް އެ އޮފީސް ބަދަލު ކުރަން. އެއީ ހަމަސީދާ ޖެއްސުމަށް ކުރި ކަމެއް ނޫންތޯ. ދެން މިބުނަނީ އެތަނަކީ ތިމަންނަމެން ހިދުމަތް ދެމުންދާ ތަނެކޭ. ކަނޑައެޅިގެން ހަގީގަތާ ހިލާފަށް މައުލޫމާތު ދީގެން މުޅި މުޖުތަމައުގައި ފިތުނަ އުފެދޭ ގޮތަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ،" އަދާލަތު ޕާޓީގެ ފަރާތުން އާ ސަރުކާރުގެ ކެބިނެޓްގައި އިންނަވާ މުއިޒް ވިދާޅުވި އެވެ.

ހައުންސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް މަޝްވަރާ އަށް ދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނުތަކުގެ އިމުގެ ތެރެއިން ސިޓީ ކައުންސިލަށް ދެވެން އޮތް އެންމެ ލުޔެއް ދެއްވާނެ ކަމަށެވެ.

ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިސްއުސް ކޮންފަރެންސެއްގައި ޑެޕިއުޓީ މޭޔަރު އަހުމަދު ސަމާހު ރަޝީދު ވިދާޅުވީ ހައުންސިން މިނިސްޓަރު އެއްވެސް ކަމެއްގައި މަޝްވަރާ ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރުތައް ނިގުޅައިގަތުމަށް ކަމަށް ސަމާހު ވިދާޅުވި އެވެ.