ޔަޝް ރާޖް ފިލްމްސްގެ ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ވާނީ ކަޕޫރަށް އެ ކުންފުނީގެ ވެބް ސީރީސްއަކުން ފުރުސަތު ލިބިއްޖެއެވެ.

ޔަޝް ރާޖް ކުންފުނިން އުފައްދާ ދެވަނަ ވެބް ސީރީސްގެ ނަމަކީ "މަންޑާލާ މާޑާސް"އެވެ. ޑިޖިޓަލީ ޕްރިމިއާކުރާ މި ވެބް ސީރީސްގެ ޑައިރެކްޓަރަކީ ބަތަލާ ރާނީ މުކަރުޖީ ފެނިގެންދިޔަ ކްރައިމް ތްރިލާ "މަރްދާނީ 2"ގެ ޑައިރެކްޓަރެވެ. ރިޕޯޓުތައް ބުނާގޮތުން ވާނީއާ އެކު ވެބް ސީރީސްއިން ކޯ އެކްޓަރެއްގެ ގޮތުގައި ފެންނާނީ ވައިބަވް ރާޖް ގުޕްތާއެވެ. ވައިބަވްއަށް މި ފިލްމުން ފުރުސަތު ލިބުނީ އެކްޓަރުގެ ފުރަތަމަ ފިލްމު "ގުއްލަކް"ގައި ދެއްކި ހުނަރުވެރި އެކްޓިންގެ ސަބަބުންނެވެ.

ބަތަލާ ވާނީ ކަޕޫރުގެ އަލަތު ވެބް ސީރީސް ކަމަށްވާ "މަންޑާލާ މާޑާސް"ގެ ޝޫޓިންގް މިހާރު ފެށިފައިވާއިރު އެއް މަސްދުވަހުގެ މުއްދަތަކަށް ވެބް ސީރީސްގެ މަސައްކަތް އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ކުރިޔަށްދާނެއެވެ. އެއަށް ފަހު ބައެއް ޝެޑިއުލް ނިއު ދިއްލީގައި ފުރިހަމަ ކުރުމަށް ފަހު ފިލްމިން މަސައްކަތް ނިންމާލާނީ އިންޑިއާގެ މުމްބާއީގެ ޝެޑިއުލްއިންނެވެ.

ވާނީގެ އިތުރުން ބައެއް ވެބް ސީރީސްތަކުން ފެނިފައިވާ ބަތަލާ ސުރްވީން ޗާވްލާ އަދި އެކްޓަރު ޖަމީލް ޚާން ވެސް މި ވެބް ސީރީސްއިން ފެންނާނެއެވެ. މީގެ އިތުރުން އެކްޓަރު އާރް މާދްވަން، ކޭކޭ މެނޮން، ދިވްޔެންޑޫ އަދި ދާދި ފަހުން ފިލްމީ ދާއިރާއަށް ނުކުތް އިރްފާން ޚާންގެ ދަރިފުޅު ބަބިލް ޚާން ވެސް މި ސީރީސްގެ ވަރަށް މުހިއްމު ރޯލްތައް ކުޅޭނެއެވެ.

މި ވެބް ސީރީސް ވެގެން ދާނީ ވާނީ ކަޕޫރަށް މުޅިން ތަފާތު ތަޖުރިބާއަކަށެވެ. ސަބަބަކީ މިއީ ބަތަލާގެ ކެރިއަރުގެ ފުރަތަމަ ކްރައިމް ތްރިލާއަށްވުމެވެ. ވާނީ އެންމެފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރަންބީރު ކަޕޫރާއެކު ކުޅުނު ފިލްމު "ޝަމްޝޭރާ"އިންނެވެ.