ރޯދަ މަހުގެ ދުވަސްތަކަކީ އެހެން މަސްތަކާ ހިލާފަށް ހެޔޮ ކަންތައްތައް ކުރުމުގައި ހޭދަކުރާ ވަގުތު ގިނަ މަހަކަށް ވާން ޖެހެއެވެ. މި މަހުގައި ހެޔޮ ކަންތައް ކުރެވިދާނެ ތަފާތު ގޮތްތައް ހުންނާނެއެވެ. އެގޮތުން އަޑު އަހާ އެއްޗެހީން ވެސް ހެޔޮ އަމަލު ކުރެވިދާނެއެވެ.

ރޯދަ މަހު މިއުޒިކް އަދި ލަވަ ޖެހުން މަދު ކުރުމަށް ކުރެވިދާނެ އެއް ކަމަކީ ޕޮޑްކާސްޓު އަޑު އެހުމެވެ. އަދި މަހަށް ހާއްސަކޮށްގެން ރޯދަ މަހާ ގުޅުންހުރި ފައިދާ ކުރަނިވި ޕޮޑްކާސްޓުތަކެއް މި ފަހަރު އަޑު އަހާލަން ކިހިނެއް ވާނެ ހެއްޔެވެ؟

"ރިވައިވިން ދަ ސްޕިރިޓް"

މުސްލިމް ސެންޓްރަލް އިން ކުރިއަށް ގެންދާ މި ޕޮޑްކާސްޓުގައި މައުލޫމާތު ދެއްވާނީ ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަން ހޯދާފައިވާ ދީނީ އިލްމުވެރިޔާ މުފްތީ މެންކެވެ. ރޯދަ މަހުގެ ކޮންމެ ދުވަހަކަށް އެޕިސޯޑެއް ގެނެސްދެމުން އަންނަ މި ޕޮޑްކާސްޓުގައި ރޯދަ މަހުގައި އަމަލުތައް ބަހައްޓާނެ ގޮތުން ފެށިގެން ދުޅަހެޔޮ ސިއްހަތަކަށް ބަހައްޓާނެ ޑައިޓެއްގެ މައްޗަށް ވެސް މުފްތީ މެންކް މައުލޫމާތު ދެއްވައެވެ.

މި ޕޮޑްކާސްޓަކީ ސްޕޮޓިފައި އެކްސްކްލޫސިވް އެކެވެ.

"ޔޯ ހާޓް އިޒިންޓް ރެޑީ ފޮ ރަމަޑާން އަންލެސް"

މިއީ ވެސް މުސްލިމް ސެންޓްރަލްގެ ޕޮޑްކާސްޓް ޕްރޮގްރާމެކެވެ. މި ޕޮޑްކާސްޓުގައި މައުލޫމާތު ދެއްވާނީ އުމަރު ސުލައިމާނެވެ.

މި ޕޮޑްކާސްޓުގައި ސުލައިމާން އުފައްދަނީ ރޯދަ މަހާއި އިސްލާމް ދީނާ ގުޅޭ ތަފާތު ސުވާލުތަކެވެ. މިސާލަކަށް ސުވަރުގެ ހޯދުމަށް ކުރެވޭނެ ކަންތައްތަކާއި މައާފު ކުރުން ފަދަ މައުލޫތަކަށް އާންމުންގެ މެދުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް މި ޕޮޑްކާސްޓުގައި މަސައްކަތް ކުރެއެވެ. ރޯދަ މަހުގެ ދުވަސްތަކާ ގުޅުން ހުރި އަދި އާންމު ދިރިއުޅުމުގައި ވެސް ބޭނުންކުރެވޭނެ މައުލޫމާތުތައް މި ޕޮޑްކާސްޓުގައި ހިއްސާ ކުރެއެވެ.

"މައި ރަމަޑާން"

އެސްބީއެސްއިން ކުރިއަށް ގެންދާ މައި ރަމަޑާން ޕޮޑްކާސްޓަކީ ތަފާތު ޕްރޮގްރާމެކެވެ. މި ޕޮޑްކާސްޓުގައި ވާހަކަ ދައްކާނީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ޒުވާން އޮސްޓްރޭލިއާއަށް ނިސްބަތްވާ މުސްލިމުންތަކެކެވެ.

އެގޮތުން ޒަމާނީ ސަގާފަތާއި އިސްލާމް ދީނުގެ އާދަތަކާ އެކު އެއްވެގެން އަންނަ ގޮތާއި ރޯދަ މަހާއި ޒުވާނުންނާ ގުޅުންހުރި ކަންތައްތަކުގެ ވާހަކަތައް މި ޕޮޑްކާސްޓުގައި ދައްކައެވެ. ކެއުމާއި ކާއެއްޗެހީގެ އާދަތަކާއި ޒަމާނީ ދުނިޔެއެއްގައި އީމާންތެރިކަން ދަމަހައްޓާނެ ގޮތުގެ މައްޗަށް މި ޕޮޑްކާސްޓުގައި ވާހަކަ ދައްކާނެއެވެ.