ބޮޑު ކާމިޔާބީއެއް ހޯދި މަޝްހޫރު ތެލުގޫ ފިލްމު "ޕުޝްޕާ: ދަ ރައިޒް-ޕާޓް01" ހިންދީ ބަހުން ޑަބްކުރި ފިލްމުގެ ޑައިލޮގްތަކަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަޤުބޫލުވި ޑައިލޮގްތަކެކެވެ.

މި ފިލްމުގައި އިވިގެންދިޔަ ހިންދީ ޑައިލޮގްތައް ޑަބްކުރިއިރު އާއްމުންގެ އެހާ ބޮޑު ތަރުޚީބެއް ޑައިލޮގްތަކަށް ލިބޭނެކަމަށް އުއްމީދު ނުކުރާކަމަށް އަޑު އެޅި އެކްޓަރު ޝްރެޔާސް ތަލްޕަޅޭ ވަނީ ބުނެފައެވެ. ހެއްވާ މަޖާ ފިލްމުތަކުން ފެނިފައިވާ ޝްރެޔާސްގެ "ޕުޝްޕާ" ޑައިލޮގްތައް ފިލްމު ރިލީޒްކުރުމާ އެކު ވަރަށް ބޮޑަށް ވައިރަލްވެގެން ދިޔައެވެ.

އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޝްރެޔާސް ބުނެފައިވަނީ، މި ފިލްމަކީ އެކްޓަރުގެ ފުރަތަމަ ތެލުގޫ ސިނަމާގެ ތަޖުރިބާ ކަމަށެވެ.

ފިލްމަށް ޑަބްކުރުމަށް އެއްބަސް ވެވުނީ އެކްޓަރު އައްލޫ އަރުޖުންއަށް ކުރާ ސަޕޯޓެއްގެ ބޮޑުކަމުން ކަމަށް ވެސް ޝްރެޔާސް ވަނީ ބުނެފައެވެ. ޝްރެޔާސް ފިލްމަށް ޑަބްކުރުމުގެ ކުރިން މިއީ އެކްޓަރުގެ ކެރިއަރަށް ލިބިގެންދާނެ ކިހާވަރެއްގެ ކުރިއެރުމެއް ކަމާ މެދު ވެސް އޭރު ނުވިސްނާކަމަށް އޭނާ ވަނީ ބުނެފައެވެ. ފިލްމު "އޯމް ޝާންތީ އޯމް"، "ގޯލްމާލް ރިޓާންސް" އަދި "ހައުސްފުލް" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޝްރެޔާސް ވަނީ ޑިޒްނީގެ "ދަ ލަޔަން ކިންގް"ގެ ހިންދީ ފިލްމަށް ވެސް ޑަބްކޮށްދީފައެވެ.

އައްލޫ އަރުޖުންއާ އެކު ބަތަލާ ރަޝްމިކާ މަންދަންނާ ވެސް ފެނިގެންދިޔަ "ޕުޝްޕާ"ގެ ފުރަތަމަ ބައި ރިލީޒްކޮށްފައިވަނީ 2021ގައެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް ވިޔަފާރީގެ ގޮތުން 350އައީ 373 ކްރޯޑް ރުޕީސްއާއި ދެމެދުގެ އާމްދަނީއެއް ލިބުނެވެ. މި ފިލްމުގެ ދެވަނަ ބައި އުފެއްދުމުގެ މަސައްކަތް ފެށިފައިވާއިރު ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދެވޭނެކަމަށް ބެލެވެނީ މިއަހަރުގެ ޑިސެމްބަރު މަހުއެވެ.