ރަމަޟާން މަހާ ދިމާކޮށް ހަދިޔާ ލިބޭނެ ކަމަށް ބުނެ އެކި އެކި ކުންފުނިތަކުގެ ނަމުގައި ފޮނުވަމުންދާ ފޭކު މެސެޖުތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ އެކި ކުންފުނިތަކުގެ ފަރާތުން ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދާ އެކި ޕްރޮމޯޝަންތަކުން އިނާމް ލިބޭ ކަމަށް ބުނެ ލިންކު ފޮނުވަމުންދާ ކަން އެމުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތަށް ލިބޭ ލިންކުތަކަށް ފިތައި، ޒާތީ މައުލޫމާތު ނުފުރުމަށާއި، އެފަދަ ޝައްކު ކުރެވޭ ލިންކެއް ލިބިއްޖެ ނަމަ އެކަން ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ރޯދަ މަހާ ދިމާކޮށް އެކި ވިޔަފާރި ކުންފުނިތަކުން ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދިޔަ ނަމަވެސް ނުދަންނަ ނަމްބަރުތަކުންނާއި އެކި ވިޔަފާރިތަކުގެ ނަމުގައި ފޯނަށް އަންނަ ނުދަންނަ ލިންކު ތަކަށް ސަމާލުވާން ޖެހެއެވެ.

ފޭކު ލިންކުތައް މެދުވެރިކޮށް މީހުންގެ އެކައުންޓުތަކުން ފައިސާ ފޭރުން މިފަހުންވެސް އިތުރުވެފައިވާއިރު ބޭންކް އޮފް މޯލްޑިވްސް އިން ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރުކޮށް ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.