02 Apr 2023, 10:16
މިހާތަނަށް ގެނެސްދީފައިވާ ކޮންމެ އެކްޝަން ފިލްމެއް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭއިރު އެކްޓަރުން ވަރަށް ގިނަ ޤުރުބާނީތަކެއް ވެފައިވާ ކަމަށް ފިލްމީ ތަރި އަޖޭ ދޭވްގަން ބުނެފިއެވެ.
މީޑިއާއަށް މަޢުލޫމާތު ދެމުން އަޖޭ ބުނެފައިވަނީ، މީގެ ކުރިން ފިލްމުތަކުގައި އެކްޝަން ސީންތައް ކުޅޭއިރު ގިނަ ފަހަރު ސަލާމަތީ ކަންކަން އެހާ ވަރުގަދަ ނޫން ކަމަށެވެ. ނަމަވެސް ޒަމާނަށް އައި ޓެކްނޮލޮޖީގެ ހެޔޮ ބަދަލާ އެކު މިހާރު އެކްޝަން ސީންތައް ކުޅޭއިރު ހުރިހާ ފިލްމީ ތަރިންނަށް ވެސް އަމިއްލަ މީހާގެ ރައްކާތެރިކަން ކަށަވަރު ކޮށްދެވޭ ކަމަށް އަޖޭވަނީ ބުނެފައެވެ.
އިންޑިއާގެ ފިލްމްފެއާ ނޫހަށް ދީފައިވާ އިންޓަވިއުގައި އަޖޭ ބުނެފައިވަނީ މީގެ ކުރިން އެކްޝަން ސީންތައް ކުޅެ ނިމޭއިރު ހަށިގަނޑުގައި ނުރިއްސާ އެންމެ ގުނަވަނެއް ވެސް ނުހުންނަ ކަމަށެވެ.
މީގެ 20 ނުވަތަ 25 އަހަރު ކުރިން އެކްޝަން ސީން ޝޮޓްތައް ދިންގޮތަށް މިހާރުގެ ފިލްމުތަކުގައި ވެސް ބައެއް ފަހަރު އެގޮތަށް ޝޮޓް ދޭން މަސައްކަތް ކުރާ ކަމަށް އެކްޓަ ރުވަނީ ބުނެފައެވެ. އެފަދަ ޝޮޓްތައް ކާމިޔާބުކަމާ އެކު ދެވުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭކަމަށް ވެސް އަޖޭ ބުނެފައިވެއެވެ.
މިހާތަނަށް ކުޅެފައިވާ އެކްޝަން ފިލްމުތަކުގެތެރެއިން އަޖޭގެ ޝަޚްސިއްޔަތާ އެންމެ ގުޅޭ ފިލްމަކީ ކޮބައިތޯ އެހުމުން އެކްޓަރު ބުނެފައިވަނީ، އެއީ ފިލްމު "ޝިވާ" ކަމުގައެވެ.
އަޖޭ ފިލްމީ ދާއިރާއަށް ތަޢާރަފްވުމާ އެކު ބައްޕަ ވީރޫ ދޭވްގަންގެ އިރުޝާދުގެ މަތިން ބޮޑަށް ކުޅުނީ އެކްޝަން ފިލްމުތަކެވެ. އަޖޭގެ ބައްޕަ ވީރޫ ދޭވްގަންއަކީ، 1970އިގެ އަހަރުތަކުގައި އުފެއްދި ގިނަ އެކްޝަން ފިލްމުތަކުގައި ސްޓަންޓްތައް ކޮރިއަގްރާފްކޮށްދިން ފަރާތެކެވެ. އޭގެ ތެރޭގައި އަޖޭ ފިލްމީ ދާއިރާއަށް ތަޢާރަފްވި ފިލްމު "ޕޫލް އޯރް ކާންޓޭ"ވެސް ހިމެނެއެވެ.