04 Apr 2023, 10:33
އެ ރަށުގައި ބަހައްޓާފައި ހުރި ދެ އާރްއޯ ޕްލާންޓް، އޮޕަރޭޓް ކުރެވެން ފެށިފައިވީ ނަމަވެސް ރަށުގެ ރައްޔިތުންނަށް ސާފު ބޯފެން ނުލިބޭ މައްސަލަ އަކީ އަދިވެސް ހައްލު ނުވެ އޮތް ބޮޑު މައްސަލައެއް ކަމަށް ޅ. ނައިފަރު ކައުންސިލުން ބުނެފިއެވެ.
ނިމިދިޔަ ޕީޕީއެމްގެ ވެރިކަމުގައި ނައިފަރު ފެނާއި ނަރުދަމާގެ މަސައްކަތް އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ ހިޔާ އެކްސްޕޯޓާއި، އިންޑިއާގެ އެލް އީ ޓްރިވެނީ ޖޭވީއާ ހަވާލުކޮށްފައިވަނީ 2017ވަނަ އަހަރުގެ ޖޫން މަހުއެވެ. މުޅި އެ ޕްރޮޖެކްޓަށް 24.2 މިލިއަން ރުފިޔާ އަދި ފެނުގެ މަސައްކަތަށް 13.1 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.
އެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވަނިކޮށް "އެލްއީ ޓްރިވެނީ ޖޭވީ"އާ އެކު ހަދާފައިވާ އެއްބަސް އުވައިލުމަށް ފަހު އެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް، ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި ސަރުކާރުން މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލު ކޮށްފައި ވަނީ 26 އޮކްޓޯބަރު 2020 ގައެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ސަން'އަށް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ނައިފަރުގައި ގާއިމުކުރެވުނު 100 ހައުސިން ޔުނިޓުގައި މިހާރު ގާތްގަނޑަކަށް 800އަށް ވުރެ ގިނަ މީހުން ދިރިއުޅެން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެ ތަނުގައި ދިރިއުޅޭ ފަރާތްތަކަށް މިހާރު ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ތަނަށް ސަޕްލައި ފެން ނުލިބުމެވެ.
"ނައިފަރުގެ ބިންކޮޅު ކުޑަ ނަމަވެސް ދިރިއުޅެމުންދާ އާބާދީ އިތުރުވުމުގެ ސަބަބުން ރަށުގެ ރީތި ފެން ހުސްވެ ލިބެމުން ދަނީ ލޮނު ފެން. ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވެސް ބޭނުންކުރަން މި ޖެހެނީ އެފެން. ހަލާކުވެފައި ހުރި ޕްލާންޓް ރަނގަޅު ކުރެވުނު ނަމަވެސް ފެނުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް އަދިވެސް ނުލިބޭ. މި ރޯދަ މަހު ރައްޔިތުން އުޅެމުން ދަނީ ވަރަށް ދަތި ހާލުގައި،" އޭނާ ވިދާޅުވިއެވެ
ނައިފަރުގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރަމުން ދިޔައިރު ލައިންތަކަށް އެކި ކަހަލަ މައްސަލަތައް ދިމާވެފައިވާކަން ފާހަގަ ކުރައްވާ ރަޝީދު ވިދާޅުވީ އެހެންވެ، ނަޖިސް ފެނުގެ އަސަރު އެކި ސަރަހައްދުތަކަށް ފެތުރިފައި ވާތީ އެ ރަށުގެ ބައެއް ހިސާބުތަކުގެ ފެން ވަނީ ބޭނުން ނުކުރުވެވޭ ވަރަށް ތަގައްޔަރުވެފައި ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ބަހައްޓާފައިވާ ދެ ޕްލާންޓުގައި މުޅި ރަށަށް ބޭނުންވާ ވަރަށް ފެން ދޫކުރެވޭނޭ ކެޕެސިޓީ ނެތް ކަމަށާއި އެހެންވެ، އެ ޕްލާންޓްތައް އަޕްގްރޭޑްކުރަން ޖެހޭ ކަމަށް ނައިފަރު ފެނަކަ ބްރާންޗުން ކައުންސިލަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
"ކައުންސިލުން މިހާރު ވާނީ ސަރުކާރުގެ މިނިސްޓްރީތަކަށާއި ރައީސް އޮފީހަށް ވެސް މި ކަމުގެ ކަންބޮޑުވުން ފާޅުކޮށް ސިޓީ ފޮނުވާފައި. ނަމަވެސް އޭގެން އެއްވެސް ސިޓީއަކަށް ޖަވާބެއް އަދި ނުލިބެ،" ރަޝީދު ވިދާޅުވިއެވެ.
ފެނަކަ ނައިފަރު ބްރާންޗް ހިންގުމާ މި ވަގުތު ހަވާލުވެ ހުންނެވި އެ ތަނުގެ އެސިސްޓެންޓް މެނޭޖަރު މުޙައްމަދު އަދީބު މި ނޫހަށް ވިދާޅުވީ މިހާރު ބޭނުންކުރަމުން އަންނަ ދެ ޕްލާންޓްގައި ވެސް އެކި ކަހަލަ މައްސަލަތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ޖޮއިންޓްތަކާއި ވޭލުތަކުން ލީކުވުމާއި ފެނުގައި ނުބައި ވަސް ދުވުން ކަހަލަ ކަންކަން ވަނީ މިހާތަނަށް ފާހަގަ ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ މި ސަރުކާރުން ނައިފަރުގައި ހައުސިން ޔުނިޓްތައް އަޅާފައިވަނީ އަލަށް ހިއްކި ސަރަހައްދުގައި ކަމުން އެ ތަންތަނުގެ ވަޅުން ނެގެނީ ލޮނު ފެން ކަމަށެވެ.
އޭނާ ވިދާޅުވީ ހައުސް ކަނެކްޝަން އަޅާފައިވާ 40 އިންސައްތަ މީހުން ވެސް އަދި އެ ޕްލާންޓް ބޭނުން ނުކުރާ ކަމަށާއި އެހެންވެ، އެ ފަރާތްތަކުން ފެން ބޭނުން ކުރަން ފެށުމުން ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި މުޅި ރަށަށް ބޭނުންވާ ވަރަށް ކޭޓާ ނުކުރެވިގޮސްދާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ޕްރޮޖެކްގައި ހައުސް ކަނެކްޝަން އަޅާފައި ހުރި އަދަދުގެ 40 ޕަސެންޓް އަދި މި ޕްލާންޓް ބޭނުމެއް ނުކުރެ. އެ ތަންތަނުން ބިލު ކުރަން ފެށުމުން އެތައް ގެއަކުން ފެން ގުޅާނެ. އެހެންވީމަ ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ރަށުގެ ކޮންސަޕްޝަނާ އެއް ވަރަށް ކޭޓާ ނުކުރެވި ގޮސްދާނެ،" އަދީބު ވިދާޅުވިއެވެ.
ނައިފަރުގެ ފެނާ ނަރުދަމާގެ ނިޒާމްގެ މައްސަލައިގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައެވެ.
އެ ގަރާރުގައިވާ ބައެއް ކަންކަމުގެ ތެރޭގައި އާރްއޯ ޕްލާންޓުން ދޫކުރާ ފެނުގައި ކުލައާއި ވަސް ހުރުމާއެކު އެ ފެނަކީ ރައްކާތެރި ފެނަށް ނުވާނެ ކަން ފާހަގަކޮށްފައިވެއެވެ. އަދި އޭގެ ސަބަބުން ސިއްހީ ގޮތުން ވެސް މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ، އެ ޕްލާންޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ފުރިހަމަވެފައި ނެތްކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެ ރަށުގެ ރެޖިސްޓާޑް އާބާދީ 5800އިން މައްޗަށް އަރައެވެ. އަދި އެ ރަށުގައި ދިރިއުޅޭ އާބާދީ 7500އިން މައްޗަށް އަރައެވެ.