01 Apr 2023, 20:02
އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުންއަރައި ލިވަޕޫލް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެ ޓީމުގެ ފެންވަރު ދައްކާލައިފިއެވެ.
މިއަދު ހަވީރު ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ސިޓީން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގައި 17 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޑިއޭގޯ ޖޮޓާ ތަނަވަސް ކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން މުހައްމަދު ސަލާހު ކާމިޔާބުކުރި ގޯލެކެވެ.
ނަމަވެސް ސިޓީގެ ޒުވާން ފޯވާޑު ހޫލިއަން އަލްވަރޭޒް ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި އޭނާ ޖެހި އެ ގޯލަކީ ޖެކް ގްރީލިޝްގެ އެހީއާއެކު ޖެހި ގޯލެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ އެ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އެހެންނަމަވެެސް ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ކެވިން ޑި ބްރޭނާ ވަނީ ސިޓީއަށް ލީޑު ނަގައިދީ މެޗުގެ ނަތީޖާ އަނބުރާލަދީފައެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ އިލްކޭ ގުންޑޮގާން ޖެހި ގޯލެކެވެ. އަދި މެޗުގެ 74 ވަނަަ މިނެޓުގައި ގްރީލިޝް ވަނީ ސިޓީގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ.
އެ ނަތީޖާއިން މޮޅުވެ ސިޓީ ވަނީ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދުގެ އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ.
ސިޓީ ތާވަލުގެ ދެވަނައިގައި އޮތީ 28 މެޗު ކުޅެ 64 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނައިގައި އޮތް އާސެނަލްއަށް ވަނީ 28 މެޗުން 69 ޕޮއިންޓު ލިބިފައެވެ. އަދި މި މެޗުން ބަލިވި ލިވަޕޫލް 27 މެޗު ކުޅެ ތާވަލުގެ ހަ ވަނައިގައި އޮތީ 42 ޕޮއިންޓާއެކުއެވެ.