21 Apr 2012, 12:57
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގެއް ހިންގުމަށް ރައީސުލްޖުމްހޫރީޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގަރާރަކުން އުފައްދަވާދަވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަން މިނިވަން ނޫން ކަމަށް ބުނެ ކޮމަން ވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ނެރިފައިވާ ބަޔާނުގައިވާ އެއްޗެއް ސާފުކޮށް ދިނުމަށް ދިވެހި ސަރުކާރުން ސީމެގުގައި އެދޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރަޓަރީ އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ސީމެގުން ނެރިފައިވާ ބަޔާނުގައި އިންކުއަރީ ކޮމިޝަން މިނިވަން ނުވާ ކަމަށް ބުނެފައި ވަނީ ކީއްވެކަން ސާފުކޮން އެނގެން ނެތް އިރު ސީމެގުން ބޭނުންވާ ގޮތެއް ވެސް އެ ބަޔާނުން ސާފު ނުވާ ކަމަށެވެ. އެހެން ކަމުން ސީމެގުން ބޭނުންވާ ގޮތް ސާފުކޮށްދިނުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ސީމެގު ރައީސް އަށް ސިޓީއެއް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސީމެގް އުފެއްދުމުގެ މައިގަނޑު އަސާސީ މަގުސަދަކީ ގައުމުތަކުގެ ގާނޫނީ ވެރިކަން ދެމެހެއްޓުން. ދިވެހި ރާއްޖޭގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުހިނގާ ހިނދު މިފަދަ ބަޔާނެއް ނެރުއްވައި އެބޭފުޅުން އެ ބޭނުން ވަނީ ކޮން ކަމެއްތޯ ސާފު ކުރުމަށް ޓަކައި ފޮރިން މިނިސްޓްރީގެ ފަރާތުން އެކަން އެބޭފުޅުންގެ ފަރާތުން އެދިލައްވާނެ." އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރާއްޖޭގައި ގާނޫނާ ހިލާފް ކަމެއް ނުހިންގާކަން ސީމެގަށް ސާފުނުވާ ކަމަށާއި އެހެންކަމުން ސީމެގުގައި ހިމެނޭ ގައުމުތަކުގެ ފޮރިން މިނިސްޓަރުނަށް ރާއްޖޭގައި ގާނޫނާ ހިލާފު ކަމެއް ނުހިނގާކަން ސާފުކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
"ގައުމުތަކުގެ ފޮރިން މިނިސްޓަރުން މި ތިއްބަ ވަނީ އޭގައި، [ސީމެގު] ގައި. އެބޭފުޅަށް މި ނިންމެވުން ނިންމެވި އިރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި މިއޮތީ ރަނގަޅު ސައްހަ މައުލޫމާތު އެބޭޅުނަށް ނުލިބި. ރަނގަޅު ސައްހަ މައުލޫމާތު ލިބުނީމާ އެ ނިންމެވުން ބަދަލު ކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." އައްބާސް ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ސީމެގް އިން ނެރުނު ބަޔާނުގައި އިންކުއަރީ ކޮމިޝަން މިނިވަން ތަނެއް ކަމަށް ސީމެގުން ގަބޫލު ނުކުރާ ކަމަށް ބުނެ އެ ކޮމިޝަންގެ އަލުން އެކުލަވާލުމަށް ވަނީ ގޮވާލާފަ އެވެ.
އަދި ކޮމިޝަންގެ އެކުލަވައިލުމާއި މައުލޫމާތު ހޯދާ ގޮތްތައް (ޓާމްސް އޮފް ރިފަރެންސް) އަށް ބަދަލު ނުގެނެސް އިތުބާރު ކުރެވޭ ތަނަކަށް އެ ކޮމިޝަން ނުހަދައިފި ނަމަ އިތުރަށް ވަރުގަދަ ފިޔަވަޅެއް އެޅުމާ މެދު ވިސްނުމަށް މަޖުބޫރުވާނެ ކަމަށް ސީމެގުން މި ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ގޮވާލާފައިވާ ގޮވާލުން ކޮމަންވެލްތުގެ މިފަހަރުގެ ބަޔާނުގައި ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.