21 Apr 2012, 12:45
ދިވެހި ސިފައިންނަކީ ޕްރޮފެޝަނަލް އަސްކަރިއްޔާ އަކަށް ހެދުމަށް ކުރަންޖެހޭ ގިނަމަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ސިފައިންގެ 120 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ސިފައިންނާ މުހާތަބު ކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ސިފައިން ޕްރޮފެޝަނަލް އަސްކަރިއްޔާ އަކަށް ހެދުމުގެ ގޮތުން ސިފައިންގެ ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމާއި، އިލްމީ ޤާބިލްކަމާއި އަސްކަރީ ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް ގެންގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ސިފައިންގެ ވެލްފެއަރ ކަންތައްތަކުގައި ‘މިޝަން ފަސްޓް – މެން އޯލްވޭސް’ގެ ވިސްނުން ގެންގުޅުއްވާނެ ކަމަށެވެ.
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައި އޮތް ޑިމޮކްރެޓިކް މާހައުލެއްގައި މަސައްކަތްކުރާއިރު ސިފައިން މިސްރާބު ހިފުމަށް މޯރަލް ކޮމްޕަސްއެއް ބޭނުންކުރަންޖެހޭ ކަމަށާއި އެކަންކަން މިނަންވާނީ ޤާނޫނު އަސާސީގެ ތަރާދުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނަފުސަށް ވުރެ އަބަދުވެސް އިސްކުރަންވާނީ ޤައުމީ ޚިދުމަތް. މާއްދީ ތައައްސުބުން އެއްކިބާވެ ޒާތީވުމާއި ފިތުނަފަސާދައިން ރައްކައުތެރިވެ ތިބުމަށް މިފަދަ ސަމުގާއަކުން ހެޔޮމިސްރާބު ހިފައިގެން ދަތުރަށް ނުކުންނަންޖެހޭ. ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ގޮތުން އެންމެހާ ސިފައިންނަކީ އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވާ، އެކަކުއަނެކަކުގެ ހާލުބަލައި އުޅޭ ބަޔަކަށްވާން ޖެހޭ. އެއްއާއިލާއެއްގެ މެންބަރުންތަކެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިނިވަންކަން ދިފާޢުކޮށް ހިމާޔަތް ކުރުމުގައި ކޮންމެ ދިވެހިރައްޔިތެއް ވެސް ފަރުދީ ބޭނުންތަކާއި، ހިތްހަމަނުޖެހުންތައް އެއްފަރާތްކޮށް، ޤައުމަށް އިސްކަންދީ ޤައުމީ ބިނާތައް ވަރުގަދަ ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ގައުމާއި ރައްޔިތުންގެ ސަލާމަތަށް ޓަކައި ސިފައިންގެ ސަފުތަކަކީ ބަދަހި ސަފުތަކަކަށް ވާންޖެހޭ ކަމަށެވެ.
"ސިފައިންނަކީ ގުޅިލާމެހިފައިވާ ވިސްނުމެއްގައި އެއްލަނޑުދަނޑިއެއް ޙާޞިލްކުރުމަށް އަދި އެއްއަމާޒަކަށް ވާސިލްވުމަށް މަސައްކަތްކުރާ ބައެއްކަން އަބަދުވެސް ހަނދާން ބަހައްޓައިގެން. އާދެ، ހުރިހާ ސިފައިންވެސް މަސައްކަތްކުރަނީ، ސިފައިންނާ ޙަވާލުވެފައިވާ މިޝަން ފުރިހަމަކުރުމަށް. ފިކުރީގޮތުން އަޅުގަނޑުމެންގެ ވިސްނުމާއި ކުޅުމަށް ކުރެވޭ މަސައްކަތްތަކާމެދު އަޅުގަނޑުމެން ތިބެންވާނީ ފިސާރި ހޭލާ." ނާޒިމް ވިދާޅުވ ިއެވެ.
ނާޒިމް ވިދާޅުވީ ސިފައިން އަބަދު ވެސް މަސައްކަތްކުރަންވާނީ ބައިބައިވުން އުފެއްދުމަށް ބަޔަކު މަސައްކަތްކޮށްފާނެކަން ދެނެތިބެ އެފަދަ ބަޔަކަށް އެއްވެސް ފުރުޞަތެއް ނުދިނުމުގެ އަޒުމުގައި ކަމަށާއި ބަވަނަވަމުން ދާ ދުނިޔޭގައި އެތެރެއިންނާއި ބޭރުން ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތަކާއި އެކު ފައިތިލަ ސާބިތުވެގެން ތިބެވޭނީ ސިފައިންގެ ބަދަހިކަން އިތުރަށް ވަރުގަދަ ކުރެވިގެކަމަށެވެ. އަދި ވިދާޅުވީ ފިކުރީ ގޮތުން ކުރިމަތިވަމުން އަންނަ ކަންތައްތަކަށް ސިފައިންނަށް ކުރިމަތިލެވޭނީ ފިސާރި ހޭލުންތެރި ބަޔަކަށް ވެވިގެންކަމަށާއި އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ މަތީގައި ވަރުގަދަ އަޤީދާއަކާއެކު ފައިތިލަ ސާބިތުކުރެވިގެން ކަމަށެވެ.
ސިފައިންގެ އަހަރީދުވަހާއި ގުޅިގެން ސިފައިން ތެލެސީމިއާ ކުދިންނަށް ލޭހަދިޔާކުރުމުގެ އިތުރުން މިއަދު ހަވީރު މާލޭގެ ބޮޑެތިމަގުތަކުގައި ސިފައިންގެ ޝަރަފުގެ ހިގާލުމާއި އާއިލީ ހަވީރެއްގެ އިތުރުން ސިފައިންގެ ސިފަ އުފާ ޝޯ ބާއްވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.