ގާނޫނާ ހިލާފަށް ޒާތީ މައުލޫމާތު އެއްކުރާ ކަމަށް ތުހުމަތުކޮށް އޭއައި ޗެޓްބޮޓް ޗެޓްޖީޕީޓީ އިޓަލީގައި މަނާކުރުމަށް އެ ގައުމުގެ މުއައްސަސާއަކުން އަމުރުކޮށްފިއެވެ.

އިޓަލީގެ ނޭޝަނަލް ޕްރައިވެސީ ރެގިއުލޭޓަރުން ނެރުނު އަމުރުގައި ބުނެފައިވަނީ އޯޕަންއޭއައި އިން "ގާނޫނާ ހިލާފަށް ޕާސަނަލް ޑޭޓާ އެއްކުރާ" ކަމަށާއި، އިޓަލީގެ ޔޫޒަރުންގެ ޑޭޓާ އެއްކުރުން ވަގުތުން ހުއްޓާލުމަށް ފަހު އެ ކުންފުނީގެ ޑޭޓާ އެއްކުރުމުގެ އުސޫލުތަކަށް އިސްލާހު ގެނައުމަށް އަމުރު ކުރާ ކަމަށެވެ.

އެ ގައުމުގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީ، ޖީޕީޑީޕީން މިއަދު ހެނދުނު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޔޫޒަރުންގެ ޒާތީ މައުލޫމާތު އެއްކުރުމުގެ ގާނޫނީ މިންގަޑެއް އޯޕަންއޭއައިން ކަނޑައަޅާފައި ނެތް ކަމަށެވެ. އަދި ޖީޕީޑީޕީން ބުނާ ގޮތުގައި ޢުމުރާ ނުގުޅޭ ކުޑަކުދިން އެ ހިދުމަތަށް ބޭނުން ކުރުން ހުއްޓުވުމަށް ވެސް އޯޕަންއޭއައިގައި އެއްވެސް މެކޭނިޒަމެއް ގާއިމްކޮށްފައި ނުވާއިރު، މިއީ ކުޑަކުދިންގެ ތަރައްގީއާއި އަމިއްލަ ނަފުސަށް ހޭލުންތެރިވުމުގެ މިންވަރާ އަޅާބަލާއިރު މުޅިން ވެސް އެކަށީގެން ނުވާ ޖަވާބުތަކަށް ހުށަހެޅިފައިވާ ކަމެއް ކަމަށެވެ.

މިއީ އިޓަލީގެ ޑޭޓާ ވޮޗްޑޯގުން އޭއައި ޗެޓްބޮޓަކަށް އެފަދަ ފިޔަވަޅެއް އަޅާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެ ގައުމުގެ ރެގިއުލޭޓަރުން ވަނީ ފެބްރުއަރީ މަހު ޗެޓްބޮޓް އެޕް ރެޕްލިކާ ޑޮޓް އައި މަނާކޮށްފައެވެ. ރެޕްލިކާގެ ޗެޓްބޮޓާ އެކު ބައެއް ޔޫޒަރުން އުފައްދާ ޒާތީ ގުޅުންތަކުގެ ސަބަބުން ރެޕްލިކާ ބަދުނާމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެ ޚިދުމަތާ ދުރަށް ގޮސްފައެވެ.

ދަ ވަރޖް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޓަލީގެ މިލާންގައި މިހާރު ވެސް ޗެޓްޖީޕީޓީއަށް ވަދެވެނީ ވީޕީއެން މެދުވެރިކޮށެވެ. އެކަމަކު އިޓަލީގެ ޔޫޒަރުންގެ ޑޭޓާ ޕްރޮސެސްކުރުން ހުއްޓާލުމަށް ދިން އަމުރަށް އޯޕަންއޭއައި އިން އަމަލުކުރަން ވަގުތުކޮޅެއް ނަގާނެ ކަމަށް ބެލެވެއެވެ.

އިޓަލީގެ ޖީޕީޑީޕީން ބުނާ ގޮތުގައި ރެގިއުލޭޓަރުންގެ ޝަރުތުތައް ފުރިހަމަ ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަންގައިދިނުމަށް 20 ދުވަހުގެ މުއްދަތެއް އޯޕަން އޭއައިއަށް ދީފައިވާ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަން ރަނގަޅު ނުކޮށްފިނަމަ 20 މިލިއަން ޔޫރޯ ނުވަތަ އެ ކުންފުނީގެ އަހަރު ދުވަހުގެ ވިޔަފާރީގެ ހަތަރު ޕަސެންޓާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ.

އިޓަލީގެ މި މަނާކުރުމާއި ގުޅިގެން އެހެން ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ އޯޕަންއޭއައިގެ ޖީޕީޓީ-3 ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ މަޝްހޫރު ޗެޓްބޮޓް ހިދުމަތް ކަމަށްވާ ޗެޓްޖީޕީޓީ، ޑޭޓާ ޕްރައިވެސީ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ ގިނަ ގައުމުތަކުގައި ގިނަ ގައުމުތަކެއް ބަހުސްތައް ކުރަމުން ދާކަމަށެވެ. އެކިއެކި ޝަހުސިއްޔަތުތަކާއި މައުޟޫއުތަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ފަހިކޮށްދޭ މި ހިދުމަތަކީ އެ މީހުންގެ ރުހުމަކާ ނުލައި އަމިއްލަ މައުލޫމާތު އެއްކޮށް ރައްކާކޮށްފައިވާ ހިދުމަތެއް ކަމަށް ވަނީ އެފަދަ ޤައުމުތަކުން ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް ޗެޓްޖީޕީޓީން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ ޑޭޓާ ބޭނުންކުރަނީ ގުދުރަތީ ބަހުގެ ވިސްނުމާއި އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމަށް އެކަނި ކަމަށް ބުނެފައެވެ. އެ ކުންފުނިން މިހާރު ގެންދަނީ އެ މަނާ ކުރުންތައް އިސްތިއުނާފުކޮށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.