ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގެ ހޯލްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއްވެއްޖެ އެވެ.

ހުވަދޫ އޮންލައިންގެ ޖާނަލިސްޓް، މުހައްމަދު އަޚުތަރު މިއަދު ބުނީ އަބޫބަކުރު ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 3:00 އެހާކަންހާއިރު ކަމަށެވެ.

އޭނާ ބުނީ ސްކޫލު ހޯލުގައި ރޯކޮށްލާފައި ހުއްޓާ ފެނުނީ އެ ރަށު އިންޖީނުގޭ މުވައްޒަފުންތަކަކަށް ކަމަށެވެ.

"ރޭފަތިހު 3:00 އެހާކަންހާ އިރު އަބޫބަކުރު ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގައި ރޯކޮށްލާފައި ހުއްޓާ ފެނުނީ މިރަށު އިންޖީނުގޭގެ މުވައްޒަފުންތަކަކަށް. ދެން އެމީހުން އެމްއެންޑީއެފްގެ ފަޔަރަށް ގުޅުމުން ފަޔަރު ޓީމް އައިސް އަލިފާންގަނޑު ނިއްވާލީ،" އަޚުތަރު ބުންޏެވެ.

އޭނާ ބުނީ ރޭ ފަތިހު އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއު ޓީމުން، އެ ސްކޫލުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ އިންޖީނުގޭގެ މުވައްޒަފުން އެކަން އެ މީހުންނަށް ރިޕޯޓު ކުރުމުން ކަމަށެވެ.

އަޚުތަރު ބުނީ އަލިފާން ރޯވެފައި ވަނީ ހޯލްގެ ދެކުނު ފަރާތު ސްޓޭޖްގައި ކަމަށާއި އެ ހާދިސާގައި ދެ ސައުންޑު ސިސްޓަމަކާއި ކޮމްޕިއުޓަރު ސިސްޓަމެއްގެ އިތުރުން ޕްރައިސްޑޭ އަށް ތައްޔާރުވުމަށް ހޯލްތެރޭގައި ބަހައްޓާފައި ހުރި ބައެއްތަކެތި ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި ބުނީ އެ ހާދިސާ ހިނގި އިރު ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާ މީހުން ވެސް އެވަގުތު ސްކޫލްގައި ތިބި ކަމަށާއި ނަމަވެސް އެމީހުންނަށް އެކަން ހިނގައިދި ޔަކަމެއް އެނގިފައި ނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ފަތިހު 4:30ގައި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓް އަދި އެ ރަށު ޕޮލިސް ސްޓޭޝަންގައި ހުޅުޖަހައި ފެބްރުއަރީ މަހު 8 ވަނަ ދުވަހު ބަޔަކު ވަނީ ރޯކޮށްލައިފަ އެވެ.