މިދިޔަ ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީ ކައިރީ ހަމަލަދީ ޒަޚަމްކޮށްލުމުން މަރުވި އަބުދުލް މުހީތުގެ މަރުގެ މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވި މީހުންގެ މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.

މިއަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހުގެ ރޭ މުހީތަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތުކުރާ ފަސް މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ފުލުހުން ބުނީ މުހީތުގެ މަރުގެ މައްސަލައާއި ގުޅިގެން ދައުވާ ކުރަން ފޮނުވި ފަސްމީހުންނަކީ ގދ.ގައްދޫ އަބުލަޣީގެ، މުހުޖަތު އަހުމަދު ނާސިހު 18 އާއި ސ.މަރަދޫ ސަލްޓަންވިލާ ޢަލީ މުޝައްފަޢު 20، އާއި ޅ.ނައިފަރު ޒައިތޫނިގެ މުޙައްމަދު މައިމޫން 19 އެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ މުހީތުގެ މަރުގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި އެންމެންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ބައެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީ ކުރިމަތީގައި، ކޮޅުބެދިފައި އޮތް ގޯޅިގަނޑުގެ ތެރޭގައި ދިން އެހަމަލާގައި މުހީތުގެ ހަށިގަނޑުގެ ނުވަ ތަނަކަށް ހަމަލަދީ ވަނީ ޒަޚަމްކޮށްލާފަ އެވެ.

މުހީތު މަރުވެފައި ވަނީ އެ އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް އެ ރޭ ފަތިހު 4:40 ހާއިރު އެވެ.