މިހާތަނަށް ދެއްކި އެންމެ ކާމިޔާބު ކޮމެޑީ ޝޯ ކަމަށްވާ "ފްރެންޑްސް" އަކީ މިހާރުގެ ޒުވާނުންނަށް އެއް ގޮތަކަށް ވެސް ކަމުދާ ޝޯއެއް ނޫން ކަމަށް އެ ޝޯގެ ލީޑް އެކްޓަރެއް ކަމަށްވާ ޖެނިފާ އެނިސްޓަން ބުނެފިއެވެ.

ފްރެންޑްސް އަކީ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ. ހާއްސަކޮށް އެ ޝޯ ނެރުނު ދުވަސްވަރު ޒުވާން އުމުރުގެ މީހުންނަށް އަދިވެސް އެ ޝޯ ވަރުގެ މޮޅު ކޮމެޑީއެއް ބެލިފައެއް ނުވެއެވެ. ނަމަވެސް އަލަށް އެ ޝޯ ބަލަން ފަށާފައިވާ މިހާރުގެ ޒުވާނުންގެ ހިޔާލު މިކަމާ ތަފާތުވެއެވެ.

ރޭޗަލް ގްރީންގެ ރޯލުން ފެންނަ އެނިސްޓަންގެ އާ ފިލްމު "މާޑާ މިސްޓްރީ 2"ގެ ޕްރޮމޯޝަންގެ ތެރޭގައި ކުރިއަށް ދިޔަ އިންޓަވިއުއެއްގައި ނޫސްވެރިޔަކު ވަނީ ފްރެންޑްސް އާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އަދި މިހާރުގެ ޒުވާނުންނާ ފްރެންޑްސް ގުޅޭނެ ކަމާ ގުޅޭގޮތުން އެނިސްޓަން ގާތު އެހިއެވެ.

އެނިސްޓަން ބުނެފައިވަނީ ކޮމެޑީ މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށެވެ. މިހާރު ކޮންމެ ކޮންމެ ފަދަ ކަމެއް ކޮމެޑީގައި ބޭނުން ނުކުރެވޭ ކަމަށް އެނިސްޓަން އިޝާރާތް ކުރިއެވެ.

"މިހާރު ކޮމެޑީ އެއްޗެއް ހަދާއިރު ވެސް ދައްކާ ވާހަކައަށް ވަރަށް ސަމާލުވާން ޖެހޭ. ކޮންމެ ކޮންމެ އެއްޗެއް ބުނެވޭކަށް ނޯވޭ. މިއީ ކޮމީޑިއަނުންނަށް ވަރަށް އުނދަގޫ ކަމެއް،" އެނިސްޓަން ބުންޏެވެ.

އެނިސްޓަން ބުނިގޮތުގައި މިހާރުގެ ޒުވާނުންނަށް އަލަށް ފްރެންޑްސް ފެނި އެ ބަލަން ވަނީ ފަށާފައެވެ. ނަމަވެސް އެ ޒުވާނުންނަށް ޝޯގެ ޖޯކުތައް މަޖާ ނޫން ކަމަށާއި އެ ޖޯކުތައް ވެފައިވަނީ "އޮފެންސިވް" ކަމަކަށް ކަމަށް އޭނާ ބުނެއެވެ.

ޝޯގައި ހިމަނާފައިވާ ބައެއް ކޮންޓެންޓުތަކަކީ އެންމެ ރަނގަޅު މެސެޖުތަކާއެކު ހިމަނާފައިވާ ކޮންޓެންޓުތައް ކަމަށް އެނިސްޓަން ވެސް ގަބޫލު ކުރެއެވެ. ނަމަވެސް އެއީ ސީރިއަސް ޝޯއެއް ނޫން ކަމަށާއި އެއީ ޖޯކުކަން ދެނެގަތުން މުހިއްމު ކަމަށް އެނިސްޓަން އިޝާރާތްކުރިއެވެ.