21 Apr 2012, 12:15
"ޗައިލްޑް އެބުސިން ޕުރިވެންޝަން ސޮސައިޓީ" (ކެޕްސް) އިން އިސް ނަގައިގެން މޯލްޑިވްސް ބުލަޑް ޑޯނާސް އެސޯސިއޭޝަނާއި ތެލެސީމިއާ ސޮސައިޓީ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ސިލްސިލާ ކޭމްޕެއް ފަށައިފި އެވެ.
ކެޕްސްގެ ރައީސް އަބްދުލް ހަމީދު އަބްދުއްރަހީމު މިއަދު ވިދާޅުވީ އެ ކޭމްޕަކީ 10 ހަފުތާ އަށް ކުރިއަށް ގެންދާ ކޭމްޕެއް ކަމަށާއި އެ ކޭމްޕް ކުރިއަށް ދާނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ވިދާޅުވީ އެ މުއްދަތުގައި ކޮންމެ ހޮނިހިރު ދުވަހެއްގައި ސަރުކާރުގެ ކޮންމެވެސް އެއް އޮފީހަކުން ނޫނީ މުއައްސަސާއަކުން ލޭހަދިޔާ ކުރާނެ ކަމަށެވެ. އެ ކޭންމްޕު ފެށުމުގެ ގޮތުން މިއަދު ލޭ ހަދިޔާ ކުރީ ސިފައިންނެވެ.
"އަޅުގަނޑު މަދުސަދަކީ ކުޑަ ކުދިނަށް ދިމާވާ ކޮންމެ ކަމަކުން ރައްކާތެރި ކުރުން އެގޮތުން ތެލްސީމިއާ ކުދިނަށް ފަސޭހަކަމާ އެކު ލޭލިބޭނެ ގޮތެއް ހަމަޖައްސުމަށް އެގޮތުން ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް މިމުއްދަތު ތެރޭގައި ކޮންމެ ހޮނިހިރު ދުވަހެއްގައި 9:00-2:00 ލޭ ހަދިޔާ ކުރުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި،" ހަމީދު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ އެ ކޭމްޕްގައި ބައިވެރިވީ އެމްއެންޑީއެފްގެ އަހަރީ ދުވަހާއި ދިމާކޮށް މުޖުތަމައަށް ފައިދާ ހުރި ކަމަކަށް އެހީތެރި ވުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ލޭ އަޅާ ކުދިންނަށް އަޅުގަނޑުމެން ގެ ފަރާތުން އެހީގެ އަތެއް ދިއްކޮއްލުން" އެމްއެންޑީއެފް ގެ އޮފިޝަލް ވިދާޅުވި އެވެ.
މިއަދު މިފެށި ޕްރޮގުރާމުގައި ޑިފެންސް މިނިސްޓަރާއި އެމްއެންޑީއެފްގެ އިސްވެރިނާއި އެކި ޔުނިޓް ތަކުގެ ބޭފުޅުން ލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.