14:30


މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުން ވިއްކުމަށް ހަމަޖައްސާފައިވާ 11 ބިން އަންނަ އާދީއްތަ ދުވަހު ނީލަމަށް ލާން މުނިސިޕަލްޓީން ނިންމައިފި އެވެ.


މާލެ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ، އެ ސަރަހައްދުން އަމިއްލަ ފަރާތްތަކަށް 50،000 އަކަފޫޓުގެ ބިން ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ 2،000 އަކަފޫޓާއި 10،000 އަކަ ފޫޓާ ދެމެދުގެ 11 ޕްލޮޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މާލޭގެ ބިމަށް ބަލާއިރު މިހާރު އަކަފޫޓޭއްގެ އަގު އުޅެނީ 7،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދެއްގައި ކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. އެހެން ނަމަވެސް، ސަރުކާރުން ގަސްތުކުރަނީ ބިމުގެ އަގު ތިރިކޮށް، ޚިދުމަތުގެ އަގު ވެސް ހެޔޮކުރުމަށް ކަމަށް ވާތީ، ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުން އަކަފޫޓެއް ވިއްކާނީ 4،000 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.


ބިމަށް އަގު ހުށަހެޅޭނީ މުނިސިޕަލްޓީގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަނި ކަމަށާއި އެކަމާ ގުޅޭ ފޯމު މާދަމާ އިން ފެށިގެން މުނިސިޕަލިޓީން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރަޖިސްޓްރީކުރާ ކޮންމެ ފަރާތަކަށް ވެސް އެއް ޕްލޮޓަށް ވުރެ ގިނަ ޕްލޮޓަށް އަގު ހުށަހެޅޭނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު ނީލަން އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ކޮންމެ ދުވަހަކު ވެސް އެންމެ މަތިން ހުށަހެޅޭ އަގުތައް އާއްމުންނަށް ފެންނަ ގޮތަށް މުނިސިޕަލިޓީ ނޯޓިސް ބޯޑުގައި ޝާއިއުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބިން ވިއްކާނީ، ސަރުކާރު ބަންދު ނޫން ވިދިވިދިގެން ތިން ދުވަހު އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  


ކުރީގެ ސަރުކާރުން ބިން ވިއްކާފައި ވަނީ އޭރުގެ ސަރުކާރާ ގުޅުން ހުރި ފަރާތްތަކަށް ނުއަގުގައި ކަމަށް ވިދާޅުވެ، އާދަމް މަނިކު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން އެއް ބިލިއަން ރުފިޔާގެ އަގުހުރި އެއްލައްކަ އެއްހާސް އަކަފޫޓަށް ވުރެ ބޮޑު ބިމުގެ ސަރަހަދެއް އެންމެ 15 މިލިއަން ރުފިޔާއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ވިއްކައިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި މަދުވި ފައިސާ ގޮސްފައި ވަނީ ބަޔެއްގެ އަމިއްލަ ޖީބަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ވަޒީރުންގެ މަޖިލީހުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ބަނދަރު ސަރަހައްދުން ބިން ވިއްކުމަށް ނިންމާފައިމިވަނީ ދައުލަތުގެ އެއްވެސް މުދަލެއް ރައްޔިތުންގެ މަޖިލީހުގެ ރުހުމާ ނުލައި ނުވިއްކޭނެ ގޮތަށް މާލިއްޔަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނިކޮށެވެ. އަދި އެ ބިލު ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެކޮޅުހައްދަވައިފައި ވަނިކޮށެވެ. އެހެން ނަމަވެސް، އާދަމް މަނިކު ވިދާޅުވި ގޮތުގައި ބިން ވިއްކުމުގައި ޤާނޫނީ އެއްވެސް ހުރަހެއް ކުރިމަތިވެދާނެ ކަމަށް އޭނާއަށް ތަސައްވުރެއް ނުކުރެއްވޭ ކަމަށެވެ.