މާފަންނު މާޔާ ކްލިނިކް ކައިރީގައި ހުންނަ އިމާރާތެއްގެ ލިފްޓެއްގެ ތެރޭގައި ދެ މީހަކު ތާށިވެއްޖެ އެވެ.

" ވެސްޓް އެންޑް" ކިޔާ އެ އިމާރާތުން މިއަދު މެންދުރު ކަރަންޓް ދިއުމާ އެކު އެވަގުތު ލިފްޓް ތެރޭގައި ތިބި ދެމީހަކު ތާށިވުމުން އެމްއެންޑީއެފުން ވަނީ އެދެމީހުން ސަލާމަތްކޮށްފަ އެވެ.

އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ލިފްޓް ތެރޭ ދެމީހަކު ތާށިވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފުން އެސަރަހައްދަށް ގޮސް، ލިފްޓުގައި ތާށިވެފައި ތިބި ދެމީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ސިފައިން އެމީހުން ސަލާމަތް ކުރީ ލިފްޓުގެ ތަޅުދަނޑި ހޯދައިގެން ހުޅުވުމަށް ފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ އަލީ ވިދާޅުވީ ލިފްޓް ހުއްޓިފައި ހުރީ ގްރައުންޑް ފްލޯގައި ކަމަށާއި ލިފްޓް ހުޅުވިިއިރު ތާށިވެފައި ހުރި ދެމީހުންނަކީ ބަންގްލަދޭޝްގެ މީހަކާއި އިންޑިޔާގެ މީހެއް ކަމަށެވެ.

" ކަރަންޓް ދިޔަ ވަގުތު ލިފްޓް މިތާށިވީ، ލިފްޓު ހުއްޓުނު ވަގުތު އިމާރާތުގައި ތިބި މީހުން ހާސްވެގެން ކަމަށް ބެލެވެނީ ތަޅުދަނޑި އޮއްވާވެސް ލިފްޓް ނުހުޅުވާތިބީ، އެމްއެންޑީއެފުން ދިޔައިރު ހުރީ ފިހިގަނޑުގެ ދަނޑިއެއް ލިފްޓުގެ ދޮރުފަތަށް ލައްވައި އޮކްސިޖަން ލިބޭގޮތް ހަދައިފައި، ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

އެލިފްޓަކީ އެއިމާރާތުގައި ބޭނުންކުރަމުން އަންނަ ހަމައެކަނި ލިފްޓެވެ.

މާލެއިން ދޭތެރެެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ކުރިމަތިވަމުންދާއިރު މިފަދަ ބައެއް ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން މިމަހުގެ ކުރީކޮޅު ހިނގި މިފަދަ ހާދިސާއެއްގައި އަމީނީ ބިލްގްޑިން އިން ކަރަންޓް ކެނޑި، އެތަނުގެ ހުންނަ ލިފްޓް ތެރޭގައި ހަތަރު މީހަކު ބައިގަޑި އިރަށްވުރެ ގިނަ އިރު ވަނީ ތާށިވެފަ އެވެ.