29 Mar 2023, 23:23
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި، ރާއްޖެ އެތެރެކުރުން މަނާ ހަތަރު ބާވަތެއްގެ ސިންގަލް ޔޫސް ޕްލާސްޓިކު ނައްތާލައިފިއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މި ތަކެއްޗަކީ ހދ. ކުޅުދުއްފުށީ ކަސްޓަމްސް އިން ހިފައްޓާފައިވާ ތަކެއްޗެވެ. އެގޮތުން 535،000 ޕްލާސްޓިކް ކޮތަޅު މި މަހުގެ 16ވަނަ ދުވަހު ކުޅުދިއްފުށީ ކުނި ނައްތާލާ ސަރަހައްދުގައި ނައްތާލާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުުން މި އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ޖުމުލަ 5،018،500 ކޮތަޅު ކުޅުދުއްފުށި ކަސްޓަމްސްއިން އެކަނި ވެސް ނައްތާލާފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ޕްލާސްޓިކް ކޮތަޅުތައް ނައްތާލީ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުގެ ދަށުންނެވެ.
އެކިއެކި ސަބަބުތަކާ ހުރެ ކަސްޓަމްސްގައި ހިފައްޓާފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ ގަވާއިދުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.