ހުޅުމާލެ ދެވަނަ ފޭހުގައި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަޅުތާލުކުރަން ފެށުމާއި ގުޅިގެން އެ މުވައްޒަފުންގެ ހާލަތު ގާތުން ބަލަމުން ގެންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފޭހުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން ފްލެޓުތަކުގެ މަސައްކަތްކުރާ އިންޑިއާގެ މަސައްކަތު މީހުންނަށް މުސާރައާއި ކެއުން ނުދީގެން އެ މީހުން މުޒާހަރާ ކުރާތާ ތިން ދުވަސް ވެއްޖެއެވެ. އެ މީހުން މިއަދު އިހުތިޖާޖު ކުރީ ހުޅުމާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ކުރިމަތީގައެެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމުން މިރޭ ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ޖޭއެމްސީ ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަޅުތާލުކުރުމާ ގުޅިގެން މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަށް އެކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ރޭގެ ވަގުތެއްގައި ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

"ބިދޭސީ މަސައްކަތްތެރިންގެ ހުރި ޝަކުވާތައް މި ކޮމިޝަނުން ދަނީ ބަލަމުން،" އެޗްއާރުސީއެމުން ބުނެފައިވެއެވެ.

އެ މުވައްޒަފުންގެ ތެރެއިން ބައެއް މީހުން "ސަން"އަށް ކިޔައިދިން ގޮތުގައި އެ މީހުންނަށް މުސާރަ ނުދޭތާ މިހާރު އެތައް މަހެއް ވެއްޖެއެވެ. އަދި ކެއުންބުއިމުގެ ކަންކަމުގައި ވެސް ސިއްހީ ރައްކާތެރިކަމާ މެދު އެއްވެސް މިންވަރަކަށް އެ ކުންފުނިން ނުވިސްނާ ކަމަށް އެމީހުން ބުންޏެވެ.

ހުޅުމާލޭގައި ހުންނަ މަސައްކަތު ސައިޓުގައި އެ މީހުން އިއްޔެ ހަވީރު އިހުތިޖާޖުކުރީ ޖޭއެމްސީގެ އިސް މީހަކު އެ ސައިޓަށް ދިޔަ ވަގުތާ ދިމާކޮށެވެ.

މި ކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އޮފިޝަލަކު "ސަން''އަށް ވިދާޅުވީ އެ މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށެވެ. އަދި އެ ކަން ހައްލުކުރަން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް ދޭއްގައި 2،000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ ޖޭއެމްސީއާ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހަވާލުކުރީ މިދިޔަ އަހަރުއެވެ.