ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ހިތްގައިމު ޕާކެއް ހަދައި ހުޅުވައިފިއެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ހޮޅުއަށި މައިޒާން ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.

ތިމާވެއްޓާ ރައްޓެހިގޮތަކަށް ފަރުމާކޮށްފައިވާ މި މައިޒާނުގައި ހިޔާ ދޭ ބޮޑެތި ގަސްތައް ކައިރީގައި މީހުންނަށް އިށީދެވޭ ގޮތަށް ލަކުޑިން ހަދާފައިވާ ހިތްފަސޭހަ ހޮޅުއަށިތަކާ އަދި ޖޯލިފަތި ވެސް ބަހައްޓާފައި ހުރެއެވެ.

ހޮޅުއަށި މައިޒާނުގައި ބަހައްޓާފައި ހުރި ޖޯލިފަތި ތަކުގައި އިށީނދެގެން ތިބި އަންހެނުން ތަކެއް --

މި ޕާކުގެ ބޮޑުބައިގައި އޮންނަނީ ހިޔާދޭ ގަހެވެ. އޭގެ އިތުރަށް ވެސް އެތަނުގައި ކުދިން ކުޅެ ސަކަރާތް ޖަހާނެ ހުސްބިން އޮވެއެވެ. އަދި އެތެރޭގައި އުނދޯލި އެލުވާފައި ހުންނައިރު ދިވެހީންގެ ސަގާފަތާއި އާދަކާދަ ރަމްޒުކޮށްދޭ ތަފާތު ކުރެހުންތައް ހުރެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ފުޓުބޯޅަ ކުޅޭނެ ރަނގަޅު މިނީ ފުޓްސަލް ދަނޑެއް ވެސް އެ ޕާކުގައި އޮވެއެވެ.

އެޗްޑީސީ ހުޅުމާލޭގައި ހެދި ހެދި ހޮޅުއަށި މައިޒާން ހުޅުވުން --

އެޗްޑީސީން ބުނީ ހުޅުމާލޭ 704 ޕްލެޓް ސަހައްދުގައި ދިރިއުޅޭ ފަރާތްތަކުން އެ ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ނިންމާލުމަށް ދިން ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައި ވެސް އެ ކުންފުނީގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް ޚާއްސަ ކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން އެބަހުރި ކަމަށް ބުންޏެވެ.

ރޭގެ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފް އާއި އެ ކުންފުނީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.