21 Apr 2012, 09:54
ދިމިޝްޤު (މާޗް 21): ސޫރިޔާ ސިފައިން އިއްޔެ ދިން ޙަމަލާތަކުގައި ވެސް 57 މީހުން މަރުވެ ސަތޭކައަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
ސޫރިޔާ ސިފައިން މިޙަަލާތައް ދީފައި ވަނީ ޙިމްސް ގައާއި އިދްލިބްގަ އެވެ. އެ ދެ ރަށުގައި ސޫރިޔާ ސިފައިން ޢަސްކަރީ އޮޕަރޭޝަންތައް ހިންގި އިރު އިއްޔެގެ ހުކުރުނަމާދަށް ފަހު ސޫރިޔާގެ އެތައް ރަށެއްގައި ރައީސް ބައްޝާރުލްއަސަދާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރި އެވެ. މިމުޒާހަރާތަކުގެ ޝިޢާރަކަށް ހަދާފައި ވަނީ "ބައްޝާރުގެ އަނިޔާވެރިކަމުގެ މައްޗަށް ނަސްރު ހޯދާނަން" މިޝިޢާރެވެ.
އަނެއްކޮޅުން އެމެރިކާ ވަނީ ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ޤަރާރެއްގެ ދެލިކޮޕީ ސަލާމަތީ މަޖިލީހުން ފާސްކުރުމަށް މަސައްކަތްކުރާކަން ހާމަކޮށްފަ އެވެ. ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވީ ރައީސް ބައްޝާރުލްއަސަދްގެ ނިޒާމަށް ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށާއި ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެނިޒާމް ކުރިމަތިލާން ޖެހޭނެ ކަމުގަ އެވެ.
އެމެރިކާގެ ޤަރާރުގެ ދެލިކޮޕީ ގޮވާލަނީ ސޫރިޔާގައި ޙަރަކާތްތެރިވާ އދ.ގެ އޮބްޒާވަރުންގެ ޢަދަދު 300 އަށް އިތުރުކުރުމަށާއި އޮބްޒާވަރުންނަށް އެއްބާރުލުންދީ ޙަމަލާތައް ހުއްޓާނުލާ ނަމަ ސޫރިޔާގެ ވެރިކަމުގެ ނިޒާމާދެކޮޅަށް އިޤްތިސާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ. ނަމަވެސް އެމެރިކާގެ މިޤަރާރަށް ޗައިނާ އާއި ރަޝިޔާގެ ދެކޮޅުހަދާތީ މިޤަރާރު ފާސްނުވާނެ ކަމަށް އދ.ގެ ޑިޕްލޮމެޓިކް ދާއިރާތަކުން ބުނެ އެވެ.
ރަޝިޔާ އިން ވެސް ގެންދަނީ ސޫރިޔާގައި ޙަރަކާތްތެރިވާ އދ.ގެ އޮބްޒާވަރުންގެ ޢަދަދު 300 އަށް އިތުރުކުރުމަށާއި އެމީހުންނަށް އެއްބާރުލުންދީ ޙަމަލާތައް ހުއްޓާލުމަށް ސޫރިޔާ ސަރުކާރަށް ގޮވާލާ ޤަރާރެއްގެ ދެލިކޮޕީ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ދެލިކޮޕީގައި ރައީސް ބައްޝާރުލްއަސަދްގެ ނިޒާމާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އެއްވެސް ޢިބާރާތެއް ހިމަނާފައެއްނުވެ އެވެ. (އަލްޖަޒީރާ)