ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސަރުކާރުން ރާއްޖޭގެ ފަގީރުންނަށް ބެހުމަށް 100 އިފްތާރު ޕެކޭޖު ހަދިޔާ ކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އިފްތާރު ޕެކޭޖާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. ޔޫއޭއީއިން މި އެހީ ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ރެޑް ކްރެސެންޓް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އިފްތާރު ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ކަމަށެވެ. މި ޕެކޭޖުތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް މިނިސްޓްރީން ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ފަގީރުންގެ ދަފުތަރު އެކުލަވާލައި ނިމުނުއިރު، ރާއްޖޭގައި 9،041 މީހަކު ފަގީރުންގެ ގޮތުގައި ރެޖިސްޓްރީކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި، ވޭތުވެ ދިޔަ 1443 އަހަރު އެއްވެސް ފަގީރަކު ނެތް ކަމަށް 42 ރަށެއް ފާހަގަކުރެވިފައިވެއެވެ.