21 Apr 2012, 09:49
ޤާހިރާ (މާޗް 21): މިސްރުގައި ވަގުތީ ގޮތުން ވެރިކަން ކުރަމުންގެންދާ ޢަސްކަރީ މަޖިލީހާ ދެކޮޅަށް އެ ޤައުމުގެ އެތައް ލައްކަ ބަޔަކު މުޒާހަރާކޮށް އިޙްތިޖާޖް ކޮށްފި އެވެ.
ޤާހިރާގެ މައިދާނުއް ތަޙްރީރުގައި އިއްޔެގެ ހުކުރު ނަމާދަށް ފަހު މުޒާހަރާ ކުރި މީހުން ގޮވާލީ ރައްޔިތުން އިންތިޚާބުކުރާ ފަރާތަކާ މިސްރުގެ ވެރިކަން އަވަހަށް ޙަވާލުކުރުމަށެވެ. މިސްރުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހުރަސްއެޅުމަށް ޢަސްކަރީ ވެރިން ސިއްރިޔާތުގައި ޙަރަކާތްތެރިވަމުންދާ ކަމަށާ ރައްޔިތުން އިންތިޚާބުކުރާ ފަރާތަކާ ވެރިކަން ޙަވާލުކުރި ނަމަވެސް ވެރިކަމުގެ ހަގީގީ ބާރުތައް އަތްދަށުގައި ބޭއްވުމަށް ޢަސްކަރީ މަޖިލީހުން ރާވަމުން އަންނަ ކަމަށް ވެސް މުޒާހަރާކުރި މީހުން ބުނެފައިވެ އެވެ.
މިމުޒާހަރާ އަށް ގޮވާލާފައި ވަނީ ޑިމޮކްރަސީ އަށް މަސައްކަތްކުރާ ލެބެރަލް ޚިޔާލުގެ ޕާޓީތަކުންނާއި ޖަމާއަތްތަކުންނެވެ. ނަމަވެސް މިކަމަށް ތާއީދުކޮށް މުޒާހަރާ އިންތިޒާމްކުރުމުގައި އިޚްވާނުލްމުސްލިމީން ޖަމާއަތަށް ނިސްބަތްވާ ފަރާތްތަކާއި އިސްލާމީ ޚިޔާލަށް ތާއީދުކުރާ ޖަމާއަތްތަކުން ބައިވެރިވެފައިވެ އެވެ. ނަމަވެސް މުބާރަކްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ހުރިހާ ފަންތިތަކެއްގެ މީހުންނާއި ޖަމާޢަތްތައް އިއްޔެގެ މުޒާހަރާގައި ބައިވެރިވެފައެއްނުވެ އެވެ.
އިއްޔެގެ މުޒާހަރާގައި މުބާރަކްގެ ދުވަސްވަރުގެ ސިޔާސީ އެއްވެސް ފަރާތަކަށް މިސްރުގެ މިހާރުގެ ސިޔާސީ ނިޒާމުން ޖާގަނުދިނުމަށާއި މުބާރަކްގެ ސަރުކާރާއި އޭނާގެ ޕާޓީ އަށް ނިސްބަތްވާ މީހުން މިސްރުގެ ސިޔާސީ މަސްރަޙުން އެކަހެރި ކުރުމަށް ގޮވާލާ ހަރުކަށި ޝިޢާރުތައް ވެސް ފާޅުކުރި އެވެ.
އިއްޔެގެ މުޒާހަރާގައި މިލަންމީހުން ބައިވެރިކުރަން ކުރި މަސައްކަތް ކާމިޔާބުނުވާ ކަމަށާއި މުޒާހަރާގައި ބައިވެރިވީ ދެތިން ލައްކަ މީހުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. މަލްޓި ޕާޓީގެ ޑިމޮކްރަސީގެ އުސޫލުން އަންނަ ޖޫން މަހުގައި މިސްރުގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 10 ކެންޑިޑޭޓެއްގެ ނަން ވަނީ ބާތިލްކޮށްފަ އެވެ. (އަލްޖަޒީރާ)