ގަވާންމެންޓް އީ-ލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)ގެ އައު ވާޝަން، ޖެމްސް ވާކް ސްޕޭސް ތައާރުފް ކުރުމާއި ލިޔެކިޔުންތައް ބަދަލުކުރުމުގެ އުސޫލުތަކަށް ބަދަލުގެނައުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހުށައެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި މަޝްވަރާގައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ ލިޔެކިޔުންތައް ބަދަލުކުރުމުގައި މިހާރުގެ ޓެކްނޮލޮޖީއާ އެއްހަމައިގައި ކުރިޔަށް ގެންދިޔުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. މިގޮތުން، ޖެމްސްގެ އައު ވާޝަން ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ލޯންޗު ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ޖެމްސްގެ އައު ވާޝަން ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށް ޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ.

ޖެމްސް ވާކް ސްޕޭސް ލޯންޗު ކުރުމުގެ ހަތަރުވަނަ ފިޔަވަހި ނިމޭއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެއެވެ.

މިހާރު ބޭނުން ކުރަމުންދާ، ގަވާންމެންޓް އީ-ލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)އަކީ، 2010 ވަނަ އަހަރު ބޭނުން ކުރަންފެށުނު ސިސްޓަމެކެވެ. އަދި އޭރު ޖެމްސް ޑިވެލޮޕްކުރުމަށް ބޭނުންކޮށްފައިވާ ފްރޭމްވޯކާއި، ޓެކްނޮލޮޖީ އައުޓްޑޭޓްވެފައި ވުމުގެ ސަބަބުން، ޖެމްސް މެނޭޖްކޮށް ސަޕޯޓް ދިނުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން ޓެކްނޮލޮޖީ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.