ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް މަދުކުރުމާއި މަނާކުރުމާ ގުޅޭ ގަވާއިދަށް އާއްމުންގެ ޚިޔާލު ހޯދުމަށް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު 14:00ގެ ނިޔަލަށެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ޚިޔާލު ހުށަހެޅުމަށް އެ މިނިސްޓްރީގެ ވެބްސައިޓުގައިވާލިންކުބޭނުންކުރެވޭނެ ކަމަށެވެ. އަދި އެ މިނިސްޓްރީން އެކަމާ ގުޅިގެން ކުރިޓުވީޓުގައިވާކިއުއާރް ކޯޑުން ޚިޔާލު ހުށަހަޅާނެ ގޮތުގެ ޓެމްޕްލޭޓްއާއި ގަވާއިދުގެ ކޮޕީ އެއް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެކަމާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، އެ ގަވާއިދަށް އާއްމުންގެ ޚިޔާލު ހޯދުމަށް އެ މިނިސްޓްރީން ހުޅުވާލައިފައި މިވަނީ ފުރަތަމަ ފަހަރަށް ކަމަށެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާއި މަނާކުރުމާ ގުޅޭ ގަވާއިދަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމާއި މަދުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުމަށްޓަކައި އެކުލަވާލައިފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ މަގުސަދަކީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށް، ހުއްޓުވުމާއި ފިޔަވަޅު އެޅުމެވެ. އަދި ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ތެރެއިން ރާއްޖޭގައި ބޭނުންކުރާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމަކީވެސް މި ގަވާއިދުގެ މަގުސަދެކެވެ.

ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރެއްވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މީގެ އިތުރުން ކުނި މެނޭޖްކުރުމުގެ ގާނޫނުގައިވާ، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސް ޞާލިޙުގެ ގަރާރަކުން ކަނޑައަޅުއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހުއެވެ.

އެ ގަރާރުގައި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ވަކި ތާރީޚްތަކަކުން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.