"އެއްވެސް ކަމަކާއިމެދު މާ ބޮޑަށް ފިކުރުކޮށް ވިސްނަން ނަހަދާށެވެ. ހަޔާތުގައި ދިމާވާ ކޮންމެ މުސީބާތަކީ އަދި ހިތާމައަކީ ﷲގެ ނިޔާފުޅެވެ. އެއީ ތިބާއަށް އެންމެ ރަގަޅަށް ދިމާވި ކަމެކެވެ. ބޭކާރުގޮތުގައި ވިސްނުމަށް ޝައިތާނާ އަބަދުވެސް މަގުފަހިކޮށްދެއެވެ. ﷲއަށް އިތުބާރުކޮށް ދިރިއުޅުމާއިގެން ކުރިއަށް ދާށެވެ. ކޮންމެ ކަމެއްގެ ނިމުން އާޚިރުގައި ރަގަޅުވާނެއެވެ."

***

މަންމަ އުޅޭ ކޮޓަރިއަށް ވަނުމާއެކު ލޮލުގައި އަޅައިގަތީ މަންމަ ގުރުއާން ކިޔަވަން ގެންގުޅޭ ފޮތްގޮނޑިއާއި ރަންކުލައިގެ ބޮޑު މުސްހަފެވެ. އަދި އައިނެވެ. މުސްހަފް ނަގާ މޭގައި ޖައްސާ ބާރުކޮށްލެވުމާއެކު ކާއިނާތުގެ ލޮލުން ކަރުނަ އޮހިގަތެވެ.

"މަންމާ އެނބުރި އާދެބަލަ. އަހަރެންގެ ދިރިއުޅުން ބަރުބާދުވެއްޖެ..."

މީހަކު ޓަކިދޭން ފެށުމުން ކާއިނާތު އަވަހަށް ހިނގައިގަތެވެ. އޭރު އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ސައިރަސްކަން ގާތްގަނޑަކަށް ޔަގީންވެ ހުރެ ދޮރު ހުޅުވައިލުމާއެކު ފެނުނީ އުއްމީދުކުރި މޫނެއް ނޫނެވެ. ނަމަވެސް ފަހަތަށް ޖެހިލެވުނީ ތަން ދެއްކުމަށެވެ. ކާއިނާތުގެ ލޮލުގައި ހުރި ކަރުނަ ފޮރުވަން އޭނަ މަސައްކަތެއް ނުކުރިއެވެ.

"ޖީލަން ތިއައީ ކިއްކުރަންތަ؟ ލެކްޗާ ދޭންތަ؟"

"ހާލު ބަލައިލަން..އިތުރު ކަމެއް ބޭނުންވަންޏާ އަބަދުވެސް އަހަރެން ހުންނާނެ ވާހަކަ ބުނަން މިއައީ.........."

"އޯ..ރިއަލީ؟ އެހާވެސް އަހަރެން މުހިއްމުތަ؟" އޭނައަށް އަބަދުވެސް ޖީލަންއާއިމެދު ޝައްކުކުރެވުނީ ރަގަޅަށްތާއެވެ. އަދި ރޭގަނޑުގެ މިގަޑީގައި އައުމުން އިތުރަށް އެކަން ޔަގީންވިއެވެ.

"ކާއީ މިދުވަސްކޮޅު ޑިޕްރެސްވާނެ ވަރު އެނގޭ. ޑޮކްޓަރ ނާޒިމްގެ ޕޭޝަންޓެއްނު. އެހެންވީމަ އަލުން ތެރަޕީ ނަމަވެސް ނަގަންދާން ފެެނޭ........."ޖީލަން ކާއިނާތުގެ ފަހަތުން ވަދެ ހުއްދަ ހޯދުމަކާއި ނުލާ ސޯފާސެޓްުގައި ޖައްސައިލިއެވެ. ރިމޯޓް ނަގައިގެން އެކި ޗެނެލްތައް ޖައްސަމުންގޮސް ނެޝަނަލް ޖިއޮގްރަފީ ޗެނެލްއާއި ހަމައިން ރިމޯޓް އެއްފަރާތުގައި ބޭއްވިއެވެ. ދައްކަމުން ދިޔައީ ޖައްވާއި ބެހޭ ޕްރޮގްރާމެކެވެ. ކާއިނާތުގެ ލޮލުގައި ތާޒާ ކަރުނަ ގިނަވެގަތެވެ. ކުއްލިއަކަށް ރިމޯޓް ނަގާފައި އޭނަ ޓީވީ ނިވާލައިފިއެވެ.

"ޖީލަން މޮޔަވީތަ؟ މަންމަ ނިޔާވެގެންނޭ އުޅެނީ...އަހަރެން ނޫޅެން އަމިއްލައަށް އެންޓަޓެއިން ނުކުރެވިގެން...."ކާއިނާތު ރުޅިވެރިކަން ބޭލީ ޖީލަންއަށެވެ. ހަގީގަތުގައި އެ ޕްރޮގްރާމް ފެނުމުން އޭނަ ސައިރަސްގެ ބޭވަފާތެރިކަމާއި އަނިޔާވެރިކަން ހަނދާންވެ ހިތުގައިވި ޒަޚަމްތައް އިތުރަށް ހަލާކުވީއެވެ.

"ސޮރީ......"

"ޖީލަންއަށް ޑޮކްޓަރ ނާޒިމްގެ ކްލިނިކްގެ އަގުބޮޑުކަމެއް ނޭގޭ ދޯ. އަހަރެން މިހިރީ ޖޮބްލެސްވެފައި...."

"އެހާ މުއްސަދި ހަޒްބެންޑެއް ލިބުނީމަވެސް...."

"އޭނަ އަތުން ފައިސާ ހޯދާވަރަށްވުރެ އަބަދުވެސް އަމިއްލައަށް އިންޑިޕެންޑެންޓް މީހެއްކަމުގައި ދެކެ އަމިއްލަ ކަންތައް އަމިއްލަ ފައިސާއިން ކުރަން ނިންމައިގެން ހުންނަނީ. އެހެންނޫނަސް ޖީލަން ހުރިހާކަމަކާއި ބެހެނީ ކީއްވެތަ؟ ތިއީ މަގޭ ކާކު؟ އަހަންނަށް މިހާރު އެކުވެރިން މުހިއްމެއްނޫން. އެކުވެރިއެއްގެ ގޮތުގައި ހެލްޕްވާން އައިއްޔާ...."ކާއިނާތު ކަކުލުގައި ބޯ ޖައްސާލައިގެން އިންއިރު މޫނަކީ ހިތާމައިގެ ތަސްވީރެކެވެ.

"އަހަރެން މިއައީ އަލުން ކައުނު ނޫހަށް ކާއީ ގެންދަންވެގެން. ކާއީއާއި ނުލާ އެތަން ވަރަށް ފަޅު..."

"ކޮންމެ އެއްޗެއްގެވެސް އަގު ވަޒަން ކުރެވެނީ އެތަނަކުން ދިޔައީމަ. އެތާ ހުރިއިރު އެންމެ ގިނައިން މަލާމާތްކުރީ ޖީލަން..." ކާއިނާތުގެ ހިތުގައި އުއްމީދުގެ ބައްތިއެއް ދިއްލުނެވެ. ވަޒީފާއާއި ކައުނު ނޫހަކީ އޭނައާއި ގުޅި ލާމެހިފައިވާ އެއްޗެކެވެ. ޖީލަން އަލުން އެތަނާއި ގުޅެން ދިން ދައުވަތާއި ދެކޮޅުހަދަން ބޭނުންނުވިޔަސް އެހާ ބޭނުންވެގެން ފުންމައިގެން އަރާފަދަ ޚިޔާލެއްވެސް އޭނަގެ ނެތެވެ.

"މަލާމާތުން ހިތްވަރުވެސް ދެނީ. އޭރުވެސް ބުނި އެއްޗެއް ވިއްޔާ ކާއީ އިސްލާހުކުރަން ބުނީ...." ޖީލަން ބޯ ކަހައިލިއެވެ.

"ކޮބާ އަސަލް؟ އޭނަ އާޔާއާއި މެރީކުރިފަހުން ވަރަށް ދުރުވެއްޖެ.."

"ދުރުވީއެއްނޫން. ލިބޭ ހަޔާތުގެ ބައިވެރިޔާގެ އަސަރު ކުރާނެ. އަސަލްވެސް ބަދަލުވީ އެހެންވެ. އޭނައަކީ ތެދުވެރި ވަފާތެރި ޒުވާނެއް...އަދި...."

"ހުއްޓާލާ..ހުއްޓާލާ ޕްލީޒް. ޖީލަން ގަސްތުގައި ޖެއްސުންކޮށް ދެރަކޮށްލަން އައީކަން އެނގޭ......ގޮސްދާނަންތަ ދެން.އައިމް ޓަޔަޑް.. ރިއަލީ ވަރުބަލިވެއްޖެ. ދުނިޔެދެކެވެސް ފޫހިވެއްޖެ. މަންމަ ނެތުމުގެ ފަޅުކަން މިގެއިންވެސް ފެނޭ. އެހެން ތަނެއްގެ ފަޅުފިލުވަން ދާނެ ހިތްވަރެއް މަގޭ ނެތް...ޕްލީޒް ދޭ..."ކާއިނާތު ރުޅިއަންނަގޮތްވިއެވެ." އެބައުޓް ޖޮބް އޮފާ ރިޖެކްޓްކުރަން ޖެހުނީމަ....އައިމް ސޮރީ ޑިއަރ. މަގޭ ފިރިމީހާ ވަރަށް އަވަހަށް ބަލާ އަންނާނަމޭ ބުނި. އެކަނިވެރިވެގެން ކޮންސާންވެގެން އައިކަމުގައި ވަންޏާ ބުނެލަން އޮތީ އަހަރެން ހަމަ އޯކޭއޭ. ލައިފް އިޒް ގްރޭޓް އަލްހަމްދުލިﷲ...."

"އިފް އެނީ ތިން ކޯލް މީ ކާއީ.."ޖީލަން ރުޅިއެއް ނާދެއެވެ.

ޖީލަން ނުކުތުމުން ދޮރު ލައްޕާލުމާއެކު މޮޔައެއްހެން ކާއިނާތު ހުނެވެ. ހުނުން ހުއްޓާލާފައިގޮސް އަނެއްކާ ސޯފާގައި އިށީނެވެ."ޖީލަން އެހެން ގޮތަކަށް ލޯބި ޝޯ އެކުރަނީ. ބުނަން ނުކެރޭ. އެންމެ ރަގަޅު. ސައިރަސް ނައިއްޔާ އަހަންނާއި މެރީކުރަން އެދޭނަން. އެއީ މިވަގުތު ޖީލަންއަށް އިހުސާސްތެރިކަން ފޯރުކޮށްދެވޭނެ ގޮތަކީ........................................"

***

ކާއިނާތު ކޮންމެ ސިކުންތުކޮޅެއް ހޭދަކުރަމުން ދިޔައީ ސައިރަސްގެ އިންތިޒާރުގައެވެ. ގުޅުމުން ބުނަނީ އަންނާނެކަމުގައެވެ. ކެތްކުރުމަށެވެ. އިންތިޒާރުކުރުމަށެވެ. އޭނަ އަންނާނެކަމުގެ ޔަގީންކަން ދިނީ ހާސްފަހަރަކު ނޫނެވެ. ކާއިނާތު ރޭގަނޑު ޓެރެސްގައި އިނދެ ފަލަކުގެ މަންޒަރު ތަކަށް ބަލަހައްޓަން އިނދެ ހިތްހަމަޖައްސަން މަސައްކަތްކުރެއެވެ. ﷲގެ ކުޅަދުންވަންތަކަމާއިމެދު ވިސްނައެވެ. މިއޮތް ބޮޑު ކައުނު ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމާއެވެ. ބައެއްމީހުން ބުނާނެއެވެ. އެމީހުންގެ މަރުވެދިޔަ ގާތްމީހާވެސް އުޑުގައިވާ ތަރިއަކަށް ވީއެވެ. އެކަމަކު ހަގީގަތަކީ ތަރިތަކަކީ ދުރުން ބަލައިލަން ރީއްޗަސް އިންސާނުންގެ ފުރާނަ ދާން ހުރިތަނެއްނޫނެވެ. އެއީ ހައިޑްރޮޖެންއާއި ހީލިއަމްގެ ހޫނު ގޭސް ބޯޅަތަކެކެވެ. މީހުންނަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟ ބޮޑު މަންޒަރު ނުފެންނަނީ ކީއްވެހެއްޔެވެ؟ ފަލަކާއިމެދު ވިސްނާފައި އޭނަ ރޮއިހަދައެވެ. މަންމަ މަތިންނާއި ސައިރަސްގެ މަތިންވެސް ހަދާންކުރެއެވެ. ދެމީހުންވެސް އަބަދަށްޓަކާ ވަކވެގެން ދިޔައީއެވެ. ނޫނެކެވެ. ސައިރަސް އެނބުރި އަންނާނެއެވެ. އަންނައިރު ވަގުތު ފާއިތުނުވާނެހެއްޔެވެ؟ އޭނަގެ ބިރަކީ އެއީއެވެ.

އަގުބޮޑު އެއްޗެއް އަތުންދޫވިޔަސް އޭގެ އަގު ވަޒަން ކުރެވޭނީ ފަހުންނެވެ.

ކާއިނާތުއަށް ހުވަފެނުގައި އޭނަގެ މަންމަ ފެނުނެވެ. މަންމަ ހިތާމަކުރާތަނެވެ. ބަލިކޮށް އޮތްވައެވެ. ހޭލެވިގެން ކާއިނާތު މަންމަގެ މަހާނައަށް ޒިޔާރަތްކުރިއެވެ. މަންމަގެ ހުވަފެނެއް އެގޮތަށް ފެނުނީ މަންމަ އުފަލުގައި ނުވަނީހެއްޔެވެ؟ އޭނަގެ ސަބަބުން މަންމައަށް ކަށްވަޅުގައިވެސް ހަމަޖެހިގެން ނޯވެނީބާވައެވެ. އެވާހަކަދައްކާފައި ލަފާ އަހައިލާނެ އެކުވެރިއެއްވެސް ނުލިބުނެވެ. އެންމެ ގާތް އެކުވެރިޔާ އާޔާގެ ވައިބާ މެސެޖްތައް ކިޔައިލުމުން ދިރިއުޅުމާއިގެން ކުރިއަށް ދާން ކުޑަ ހިތްވަރެއް ލިބުނެވެ. ސަބަބަކީ އާޔާގެ އަޅުވެރިކަމެވެ. ފޮނުވާފައި ހުރި ޕޯސްޓްތަކާއި ދަރުސްތަކެވެ. އެއެއްޗެހި ބަލަން ފެށުމުން ދުނިޔޭގެ ލޯބި ކޮންމެވެސް ވަރަކަށް ކުޑަވެ ހަޔާތުގެ މަގުސަދު ސާފުވިއެވެ.

***

ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް ފެށިފައިވުމުން ކާއިނާތު ގަސްތުކުރީ މަންމަގެ ނަސޭހަތް ގަބޫލުކޮށްގެން ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށް މަސައްކަތްކުރުމަށެވެ. މިއީ ހަގީގީ ގޮވަތްޗަށް ދާއިރު "ޓްރާންޒިޓް" މަންޒިލެކެވެ. ތަފާތަކީ ފުރަން ޖެހޭ ވަގުތެއް އެކަކަށްވެސް ނޭގޭކަމެވެ. ތައުބާވުމުން ފާފަ ފުއްސަވާދެއްވާނެއެވެ. އެއީ ރަހީމްވަންތަ ރަހުމާންވަންތަ އިލާހުއެވެ. ކާއިނާތު ހިތާމައާއި ނިކަމެތިކަމާއެކު ސަޖިދައަށް ތިރިވީގޮތަށް އެންމެ ކުރިންވެސް ދުޢާކުރީ އޭނަގެ މަންމައަށެވެ. މަންމަ ކަށްވަޅުގެ އަޒާބުން ސަލާމަތް ކުރައްވާ ސުވަރުގޭގައި ލެއްވުމަށް އެދެވުނެވެ.

"ޔާ ޖައްބާރު. މިވަގުތު އަޅާގެ ހާލު ރަގަޅަށް ބަޔާންކޮށްދޭނެ ލަފުޒުތަކެއް ނޭގޭ. އެއްވެސް މީހަކަށް މިއިހުސާސްތައް ނޭގޭނެ. ދެނެވޮޑިގެންވާ ހަމައެކަނި ފަރާތަކީ ތިއީ. ޔާ ޖައްބާރު. މި ހަލާކުވެފައިވާ ހިތަށް އަލުން ހަމަޖެހުން ދެއްވާދޭވެ.

ޔާ ﷲ ޔާ ސަލާމް މި އަޅާގެ ކިލަބުވެފައިވާ ފުރާނައަށް އަމާންކަން ދެއްވާދޭވެ.

"ޔާ ޣައްފާރު. މިއަޅާގެ މަންމަ ފާޅުގައި އަދި ސިއްރުގައި ކުރިން އަދި ފަހުން ބޮޑެތި އަދި ކުދި ފާފަތައް ފުއްސަވާ ކަށްވަޅުގެ އަޒާބުން ސަލާމަތްކުރައްވާ ޖަންނަތުލް ފިރުދައުސްގައި ލައްވާދޭވެ. އާމީން....."

ކައިނާތު ރޯދަމަސް ހޭދަކުރީ އަޅުކަމުގައެވެ. ގިނަވަގުތު އޭނަ އިނީ ނަމާދުކުރުމާއި ގުރުއާން ކިޔެވުން އަދި ދުޢާކުރުމުގައެވެ. ސަޖިދާގައި އޮވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރެވުނު އަދަދު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ސްނޯއިން ބިންގަނޑުގެ ހަޑިމިލަތައް ފިލައިގެންދާ ފަދައިން އޭނަވެސް ފާފަތައް ފޮހެވޭވަރަށް ކަރުން އޮއްސިއެވެ. އޭނަގެ ބިރަކީ މަންމަ ފަދައިން ދުނިޔެއާއި ވަކިވެގެންގޮސް ފާފަތައް މަތީގައި ހެއްދެވި ފަރާތުގެ ހަޟުރަތަށް ދިޔުމެވެ.

ކާއިނާތުގެ ކަރުނަތަކާއި އިންތިޒާރަށް ނިމުމެއްނެތެވެ. މައްސަރެއް ފާއިތުވިފަހުން ސައިރަސްގެ އެކުވެރިއަކު ކާއިނާތުއަށް މެސެޖްކުރިއެވެ. ސައިރަސްއާއި ނަތާޝާގެ ކައިވެނީގެ ފޮޓޯއެއް ފޮނުވިއެވެ. ކާއިނާތު ޚަބަރުހުސްވިގޮތަށް ހޭލެވުނީ އެތައް އިރެއް ފަހުންނެވެ. ސައިރަސް އޭނައަށް ބޭވަފާތެރިވެ ކެހިދީފިއެވެ. އެވަރު ބޮޑު ދެރައެއް އެއްވެސް މީހަކު އަނެއް މީހަކަށް ނުދޭނެއެވެ. ލިބުނު ހިތާމައާއި މޮޅިވެރިކަން އޭނަ ޑިޕްރެޝަނަށް ވައްޓައިލިއެވެ.

ޑޮކްޓަރ ނާޒިމްއަށް ނަމްބަރެއް ނަގައިގެން އެތަނަށް ވަންގޮތަށް ރޮވުނީއެވެ.

"ހެލްޕް މީ ޑޮކްޓަރ. އައިމް ބްރޯކެން....އެހެން އަންހެން ކުއްޖަކަށް މާތްﷲ މިފަދަ ނިކަމެތި ދިރިއުޅުމެއް ނުދެއްވާށި..."

ޑޮކްޓަރ ނާޒިމް ކާއިނާތު ގެނެސް ގޮނޑީގައި ބައިންދާފައި ޓިޝޫދިނެވެ. ކާއިނާތު މޫނުގައި އަތް އަޅައިގެން ހިތްފުރެންދެން ރޯލަން ދޫކޮށްލައިގެން އިނެވެ. އެތައް އިރެއްފަހުން ހަމަޔަކަށް އެޅި މޫނު ދޮވެލައިގެން އައެވެ.

"މަންމަގެ ހުވަފެން ފެންނަނީ. މަންމަ ހެޕީއެއްނޫން. އައި ތިންކް...އަޅުގަނޑާއިހެދި...."ކާއިނާތު އަސަރާއެކު ބުނެލިއެވެ.

"ހެއްދެވިފަރާތަށް އިތުބާރުކުރޭ. ކޮންމެކަމެއްގައި ހިކުމަތެއްވޭ. ދުނިޔެއަކީ އިމްތިހާނުގެ ގޮވަތި. ﷲ އެންމެ ލޯބިވާ އަޅުތަކުންނަށް ގިނައިން ހިތާމަތަކާއި މުސީބާތްތައް ޖައްސަވަނީ. ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ހަޔާތްޕުޅުގައި ހިނގާފައިވާކަންތައް ކިޔައިފިއްޔާ ކާއިނާތުއަށްވެސް އެނގޭނެ. ހިތްވަރުކުރޭ..."

ނުނިމޭ