މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތަކެއްޗާ އެކު ހިމަންދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ އިރުއޮއްސި 7:30 އެހާކަންހާއިރު ފުލުހުން ހިމަންދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކަކާ އެކު ހައްޔަރުކޮށްފައި ވަނީ އއ. ހިމަންދޫ ހެޕީރެސްޓް އަހްމަދު މުއާޒު،21 ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރަން އުޅުމުގެތެރޭގައި އޭނާގެ އަތުގައި އޮތް ކޮތަޅެއް ބިންމައްޗަށް އެއްލާލުމަށް ފަހު ފިލަން ދުއްވައިގަތުމުން ފުލުހުން އޭނާ ހައްޔަރުކޮށް، ބިންމައްޗަށް އެއްލާލި ކޮތަޅު ބަލައި ފާސްކުރި އިރު އެ ކޮތަޅުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ދިޔާ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅަކާއި ވަރަށް ގިނަ ރަބަރުކޮތަޅު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި މިހާރު އެ މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.