އދ. ދަނގެތިން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ ދަނަވަރު 12:05 އެހާކަންހާ އިރު އދ. ދަނގެއްޗާ ތިން މޭލު ބޭރުން އަލިހުރަސް ކަނޑުގައި ހުއްޓައި "އިސްބާ" ދޯނީގައި އަލިފާން ރޯވުމުން ދޯނީގައި ތިބި ހަތަރު މީހުން ވެސް ލައިފްޖެކެޓް އަޅައިގެން ކަނޑަށް ފުންމާލި ކަމަށާއި އެ ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހުން ސަލާމަތްކުރުމަށް ފަހު ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަލިފާން ރޯވި އިރު ދޯނީގައި ތިބީ ތިން ދިވެހީންނާއި ބަންގްލަދޭޝްގެ މީހަކު ކަމަށާއި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެމީހުން ތިބީ ލައިފްޖެކެޓް އަޅައިގެން ދޯނީގައި ހުރި ބޮއިތަކަކާ އެކު ކަނޑުގައި ކަމަށެވެ. އަދި ބުނީ ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އެ ދޯންޏަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަލިފާން ރޯވެފައި ވަނީ ދޯނީގެ އިންޖީނުގައި ކަމަށާއި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ހޯދިފައި ނުވާ ކަމަށެވެ. އަދި ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަހު މަހިބަދޫ ދޯންޏެއްގެ އެހީތެރިކަމާ އެކު އެ ދޯނިރޭ މަހިބަދޫ ބަނދަރަށް ގެންގޮސްފައިވާ ކަމަށެވެ.