20 Apr 2012, 19:55
ޤާނޫނު އަސާސީގައިވާ ގޮތުގެމަތިން ރިޔާސީ އިންތިޚާބެއް ބޭއްވޭ އެންމެ އަވަސް ތާރީޚު ކަމުގައިވާ ޖުލައި 2013ގައި އިންތިޚާބު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ގޮވާލެއްވި ގޮވާލެއްވުމަށް ވަރަށް ބޮޑު ތާއީދެއް ލިބިވަޑައިގެންފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މި ރޭ ބުނީ ޑީއާރުޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ ފަދަ ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އަދި އެ ޕާޓީތަކަށް ތާއީދުކުރާ ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުންގެ ތަރުޙީބު ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ލިބިވަޑައިގެންފައިވާ ކަމަށެވެ.
މިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ދައުރަކީ، ކޮމަންވެލްތް މެންބަރު ޤައުމުތަކުން އެ ޤައުމުތަކުގެ ޤާނޫނު އަސާސީ ޙިމާޔަތްކޮށް ދިފާޢުކުރޭތޯ ބެލުން ކަމުގައި ވީހިނދު، ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ހާލަތްތައް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ވަރަށް ސާފުކޮށް އެނގެން އެބައޮތްކަމަށް ވިދާޅުވެފައިވެ އެވެ. އެހެންކަމުން، މިކަން ސީމެގަށް ސާފުކޮށް އެނގުމުން، ޖުލައި 2013ގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ތާރީޚަށް އެ ގްރޫޕުން ތާއީދުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރަށް އެބައޮތްކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެ އެވެ.
ޖުލައި 2013ގެ ކުރިން އިންތިޙާބެއް ބޭއްވުމަށް އެމްޑީޕީ އިން ގޮވާލާ ގޮވާލުމަކީ، ފާއިތުވެދިޔަ ސަރުކާރުން ގާނޫނު އަސާސީއާ ޚިލާފަށް ކުރަމުންދިޔަ ކަންތައްތަކުގެ މައްޗަށް އިތުރަށް އަލިއަޅުވާލާ ކަމެއްކަން ވެސް ފާހަގަކުރައްވާފައި އެވެ.