ފާއިތުވި 2022 ވަނަ އަހަރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން އާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު، ހުޅުލެއަށް 2،105.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ލ. ކައްދުއަށެވެ. ކައްދުއަށް ޖުމްލަ 2،061.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑުތަކުން ދައްކައެވެ.

އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް ކަމަށް ރިކޯޑުތަކުން ދައްކާއިރު، އެއް ދުވަހު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ވެސް ހުޅުލެއަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު، ހުޅުލެއަށް 139.6 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެއް ދުވަހު އެންމެ ގިނައިން ވާރޭ ވެހިގެން ރިކޯޑުކުރެވުނު ދެވަނަ ރަށަކީ ގދ. ކާޑެއްދުއެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ކަމަށާއި، އެ ދުވަހު ކާޑެއްދުއަށް 124.8 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދެ ރަށަކީ ހދ. ހަނިމާދުއާއި ލ. ކައްދޫއެވެ. އެގޮތުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކައްދޫގެ ފިނިހޫނުމިން ހުރީ 33.8 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހަމަ އެމަހުގެ 30 ވަނަ ދުވަހާއި މެއި މަހުގެ ދެވަނަ ދުވަހު ހަނިމާދޫގެ ފިނިހޫނުމިން ވެސް 33.8 ޑިގްރީ ސެލްސިއަސްއަށް މަތިވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތައް ދައްކައެވެ.