20 Apr 2012, 18:50
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ސަރުކާރަށް ލިބެން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އިއުލާން ކުރަން އެ އޮތޯރިޓީން ނިންމައިފި އެވެ.
ޓެސް އާއި ފީގެ ގޮތުގައި ދައްކާ ފައިސާ އާއި ރަށްރަށުގެ ކުއްޔާއި ރޯޔަލްޓީ އާއި ޓޫރިޒަމާ ގުޅުން ހުރި އެހެނިހެން ފީތައް ނުދައްކާ ހުރި ފަރާތްތަކުގެ ތެރެއިން މީރާއަށް ދީފައި ހުރި ނަމްބަރުތަކުން އެއްގޮތަކަށް ވެސް މުއާމަލާތް ނުކުރެވޭ ފަރާތްތަކާ މެދު ކަންކުރާނެ އުސޫލެއް މީރާ އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އާންމު ކޮށްފަ އެވެ.
މީރާގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެ އުސޫލުތަކުގެ ދަށުން މީރާ އަށް ދައްކަން ޖެހޭ އެއްވެސް ފައިސާ އެއް ނުދައްކާ ފަރާތްތަކުގެ ތެރެއިން ފައިސާ ދައްކަން ޖެހޭ މުއްދަތުން ފެށިގެން ދެ މަސް ދުވަސް ފާއިތުވާއިރުވެސް މީރާއަށް މުއާމަލާތް ނުކުރެވިފައި ހުރި ވިޔަފާރިތަކުގެ ނަމާއި އެޑްރެސް ވެރި ފަރާތް އަދި ޕިން ނަމްބަރު އާންމުކުރަން ވަނީ ނިންމާފަ އެވެ.
"އެ ފަދަ ނަންތައް ވެބްސައިޓްގެ އިތުރުން ގެޒެޓްގައިވެސް ޝާއިއުކުރެވޭނެ އެވެ،" މީރާ އިން އާންމުކުރި އުސޫލުގައިވެ އެވެ.
ދައްކަން ޖެހޭ ފައިސާގެ އަދަދު ބައިލައްކައަށް ވުރެ އިތުރުވާ ނަމަ އެ ފަރާތްތަކުގެ ނަންތައް ރޭޑިއޯ އާއި ޓީވީން އިއުލާން ކުރަން ވަނީ ނިންމާފަ އެވެ. ލިސްޓް އާންމު ކުރުމުގެ ކުރިން އެފަދަ ފަރާތްތަކަށް މީރާއާ މުއާމަލާތްކުރުމަށް އަންނަ މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ވަނީ ފަހުގެ ފުރުސަތު ހުޅުވާލާފަ އެވެ.
މީރާ އިން މިހާރު ވެސް އަންނަނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމު ކުރަމުންނެވެ. އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ އެކައުންޓްތައް ފްރީޒްކުރުމަށް ވެސް އެމްއެމްއޭއާ އެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ. ޖީއެސްޓީ ނުދައްކާ ލިސްޓުގައިވެސް 125 އަށް ވުރެ ގިނަ ފަރާތް ހިމެނެ އެވެ. ރިސޯޓުތަކުން ލިބެން ޖެހޭ ބައެއް ފައިސާ ނުލިބިގެން މީރާ އިން މިހާރު ވެސް އަންނަނީ އެ ފަރާތްތަކާ ދެކޮޅަށް ކޯޓުގައި ދައުވާ ކުރަމުންނެވެ.
ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގެ ދަށުން ޓެކްސް ބަޔާން ހުށަޙެޅުމަށާއި ޓެކްސް ދެއްކުމުން އެކަހެރިވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު މީރާއަށް ލިބިގެންވެ އެވެ.