26 Mar 2023, 09:47
ޒުވާން ޕްރޮޑިއުސަރު ރިއާ ކަޕޫރުގެ ފިލްމު "ދަ ކްރޫ"ގެ މަސައްކަތް ފަށައިފިއެވެ.
މި ފިލްމުގެ މަސައްކަތް ޝޫޓިންގް ތާވަލާ އެއްގޮތަށް ފެށިފައިވާކަން ރިއާ ހާމަކޮށްފައިވަނީ މަންމަ ސުނީތާ ކަޕޫރުގެ އުފަން ދުވަހާއި ގުޅުވައިގެން ކުރި އިންސްޓަގްރާމް ޕޯސްޓެއްގައެވެ. ރިއާ ބުނެފައިވަނީ މަންމަގެ އުފަންދުވަހާއި ދިމާކޮށް މާމަގެ ހެޔޮ ދުޢާތަކާ އެކު މިއަދަކީ، "ދަ ކްރޫ"ގެ ފުރަތަމަ ދުވަސް ކަމަށެވެ.
މި ވަގުތު ހިންދީ ސިނަމާގައި ތިބި އެންމެ ފުންނާބު އުސް ތިން ބަތަލާއިން ކަމަށްވާ ތައްބޫ، ކަރީނާ ކަޕޫރު ޚާން އަދި ކްރިތީ ސެނޮންއާ އެކު އުފައްދާ މި ފިލްމަކީ، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޤާބިލު ތިން އަންހެނުންތަކެއްގެ ވާހަކައިގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ތިން ބަތަލާއިންގެ އިތުރުން ޕާންޖާބު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ދިލްޖީތުވެސް މުހިއްމު ރޯލްއިން ފެންނާނެއެވެ.
މި ފިލްމުގައި ހެއްވާ މަޖާ ހާދިސާތަކެއް ފެންނާނެ ކަމަށާއި މިއީ ހިންދީ މަސާލާ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށް ބަތަލާ ކަރީނާ ކަޕޫރު ޚާން ވަނީ ބުނެފައެވެ. ކަރީނާ ކަޕޫރު މީގެ ކުރިން ވެސް ރިއާ ކަޕޫރާ އެކު މަސައްކަތް ކޮށްފައިވެއެވެ. އެއީ ރިއާ ކަޕޫރުގެ ފުރަތަމަ ފިލްމު "ވީރޭ ދި ވެޑިންގް"ގައެވެ.
އެކްތާ ކަޕޫރާއި ރިއާ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމު "ދަ ކްރޫ"ގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝްނަންއެވެ. އެކްތާ ކަޕޫރު ބުނެފައިވަނީ މި ފިލްމު ވެގެންދާނީ ވަޒީފާގެ މާޙައުލުގައި އަންހެނުންނާ ދިމާވާ ވަރަށް ތަފާތު މައްސަލަތައް ދައްކުވައިދޭ އެފަދަ ދަނޑިވަޅުތަކުން އަރައިގަންނަން މަސައްކަތްކުރާނެ ގޮތް ދައްކުވާނެ ފިލްމެއް ކަމަށެވެ.
މި ފިލްމު ސިނަމާއަށް އަންނާނެ ދުވަހެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.