ދިރާގު ގެ ސަބްމެރިން ކޭބަލް މަރާމާތުކުރާ ކުރާ ބޯޓަށް ކޭބަލް ހަލާކުވެފައިވާ ސަރަހައްދަށް ދާން ފުރޭވަރު ވާނީ އަންނަ އަންގާރަ ދުވަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރު އެގްޒެކްޓިވް އިބްރާހިމް އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ ދިމާވި ބައެއް ދަތިތަކާ ހުރެ އެ ބޯޓު ކޭބަލް މަރާމާތުކުރަން ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށާއި އެ ސަރަހައްދަށް ފޯރާނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

"ކުރިން އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ އިއްޔެގައި ފުރާނެކަމަށް، ނަމަވެސް ނަގަން ޖެހޭ ބައެއް ހުއްދަ އާއި އެހެނިހެން ދަތި ތަށް ހުރުމުން މިހާރު ފުރަން ހަމަޖެހިފައިވަނީ 24 ގަ" އިމްޖާދު ވިދާޅުވި އެވެ.

އެ ބޯޓް މިހާރު އޮތީ އިންޑިއާގެ ކޮޗިންގައި ކަމަށް ދިރާގުން ބުންޏެވެ.

އިއްޔެރެއިން ފެށިގެން ދިރާގުގެ އިންޓަނެޓް ހިދުމަތަށް ބުރޫއެރީ ސްރީލަންކާއާ ގާތްގަނޑަކަށް 26 ކިލޯމީޓަރުން ބޭރުން ކަނޑުގެ 40 މީޓަރު އަޑީގައިވާ ދިރާގުގެ ސަބްމެރިން ކޭބަލް ހަލާކުވުމާ ގުޅިގެންނެވެ. އެ ކުންފުނިން މީގެ ކުރިން ބުނެފައިވަނީ ކޭބަލް ހަދަން ހަތަރުވަރަކަށް ދުވަސް ނަގާނެ ކަމަށެވެ.

ސަބްމެރިން ކޭބަލް ހަލާކުވީ ބޮޑު ބޯޓެއްގެ ނަގިއްޔަކުން ޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށް ދިރާގުން ބުނެ އެވެ. މި ވަގުތު ދިރާގުން ހިދުމަތްދެމުން އަންނަނީ ޑައިވާސިޓީ ރޫޓްތައް މެދުވެރުކޮށް އިންޓަނެޓް ބްރޯޒް ކުރުމަށާއި އީމެއިލް ހިދުމަތަށް އިސްކަންދީ ގެންނެވެ.