03 Apr 2023, 13:24
އެމެރިކާގެ ޔޫޓާގައި ކުޑަކުދިންނަށް ބެލެނިވެރިޔާގެ ރުހުންނެތި ސޯޝަލް މީޑިއާ ބޭނުން ނުކުރެވޭ ގޮތަށް ގާނޫނުތަކެއް ފާސްކޮށްފިއެވެ.
އެ ގާނޫނުތަކަށް އަންނަ އަހަރުގެ މާޗު މަހު އަމަލު ކުރަން ފަށާއިރު ޔޫޓާ ވާނީ، 18 އަހަރުން ދަށުގެ ކުދިން ބޭނުންކުރާ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ބެލެނިވެރިންގެ ރުހުން ހޯދަން ޖެހޭ އެމެރިކާގެ ފުރަތަމަ ސްޓޭޓަށެވެ.
އެ ގާނޫނުތަކަކީ ސޯޝަލް މީޑިއާއަށް ޒުވާނުން ދެވިހިފާ މިންވަރު އިތުރުވަމުންދާތީ އާއި އޮންލައިންކޮށް ބުލީ ކުރުމާއި ކުޑަކުދިންގެ ޕާސަނަލް ޑޭޓާ އެއްކުރުން ފަދަ ސެކިއުރިޓީ ރިސްކްތަކާ ގުޅިގެން ފާސްކޮށްފައިވާ ގާނޫނުތަކެކެވެ.
ނަމަވެސް ބައެއް ޓެކް ކުންފުނިތަކާއި މަދަނީ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެފަދަ ގާނޫނުތަކުން ނޭދެވޭ އަސަރުތައް ވެސް ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން ވަޒީފާއެއްނެތި އަދި ކުރާނެ އިތުރު މަސައްކަތްތެއް ވެސް ނެތި ބާކީވެފައިވާ ފުރާވަރުގެ ކުދިންނަށް އޮންލައިން ވަސީލަތްތައް ލިބުން މަދުވެ، މިނިވަންކޮށް ޚިޔާލު ފާޅުކުރުމަށް ބުރޫ އަރާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ޔޫޓާގެ ސެނެޓުން މި ބިލްތައް ފާސްކޮށްފައިވާއިރު، ކުޑަކުދިންގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް ބެލެނިވެރިންނަށް ވަދެވޭނެ ގޮތް ހެދުމާއި، ކުދިންގެ އެކައުންޓްތަކަށް ރޭގަނޑު ވަނުން ހުއްޓުވާ ޑިފޯލްޓް "ކާފިއު"އެއް އުފެއްދުމަށް ވެސް އެ ބިލްތަކުގައި ސޯޝަލް މީޑިއާތަކަށް ލާޒިމު ކުރާކަމަށް ބުނެފައިވެއެވެ.
އަލަށް ފާސްކުރި މިބިލްތަކުގެ ސަބަބުން ސޯޝަލް މީޑިއާ ކުންފުނިތަކުން "އެޑިކްޓިވް އެލްގޮރިޒަމްސް" އިން 18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްފިނަމަ ޖޫރިމަނާ ކަނޑައަޅައި، މާލީ، ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުންތަކުގެ ދައުވާ ކުރުމަށް ބެލެނިވެރިންނަށް ފުރުސަތު ފަހިކޮށްދެއެވެ.
އެ ބިލަށް ތާއިދު ކުރި ޔޫޓާގެ ސެނެޓުގެ ރިޕަބްލިކަން ޕާޓީގެ މެމްބަރެއް ކަމަށްވާ މައިކަލް މެކެލް ވިދާޅުވީ މިއީ މައި ދެ ޕާޓީގެ ވެސް މަސައްކަތެއް ކަމަށާއި، ރައީސް ޖޯ ބައިޑަން ދާދި ފަހުން ސްޓޭޓް އޮފް ދަ ޔޫނިއަން ޚިޠާބުގައި މިފަދަ ކަންކަމަށް އަލިއަޅުވާލައްވާފައިވާ ކަމަށެވެ.
ބައިޑެން ވަނީ، ބޮޑެތި ޓެކް ކުންފުނިތަކުން ގައުމުގެ ޒުވާނުންގެ މައްޗަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި، ސޯޝަލް މީޑިއާ ކުންފުނިތަކުން ކުޑަކުދިންނަށް އިޝްތިހާރު ކުރުމާއި އެ ކުދިންނާ ބެހޭ މައުލޫމާތު އެއްކުރާ ގޮތް ހަނިކުރުމަށް ގޮވާލައްވާފައެވެ.
ޔޫޓާއިން މިފަދަ ގާނޫނެއް ފާސްކޮށްފައިވާއިރު، އެމެރިކާގެ އެހެން ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާއިން މިހާރުވެސް ވަނީ ކުޑަކުދިންގެ އެކައުންޓްތަކުގެ ޑިފޯލްޓް ޕްރައިވެސީ ސެޓިންސް ހަރުކަށިކޮށްފައެވެ. އަދި އޮހަޔޯ އާއި ކަނެޓިކަޓް ފަދަ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް ދަނީ މިފަދަ ބިލްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން އިންސްޓަގްރާމް އާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ވަނީ މެސެޖިން ލިމިޓްތައް ފަދަ އިތުރު ކޮންޓްރޯލްތައް ކުދިންގެ އެކައުންޓުތަކަށް ތައާރަފުކޮށްފައެވެ.