މޮސްކޯ (25 މާޗް 2023): ސައުދީ އަރަބިއާ އާއި ސީރިއާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރަން ތައްޔާރުވަމުންދާއިރު ސައުދީ އާއި ސީރިއާ އިސްވެރިންކަމަށްވާ ސައުދީ ވަލީއުލްއަހްދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އާއި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަމިޓް ބައްދަލުވުމަކަށްވެސް ދެގައުމުދަނީ ތައްޔާރުވަމުން ކަމަށް ރަޝިއާގެ "ސްޕޮޓްނިކް" ނޫސްއެޖެންސީ ބުނެފިއެވެ.

އިތުބާރުހުރި މަސްދަރުތަކަކާ ހަވާލާދީ "ސްޕޮޓްނިކް" ބުނިގޮތުގައި ވަރަށް އަވަހަށް ސައުދީ އާއި ސީރިއާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރެއްވާނެއެވެ. ނަމަވެސް މިދެބޭފުޅުން ބައްދަލުކުރައްވާނެ ތާރީޚަކާ އަދި ބައްދަލުކުރައްވާނެ ތަނެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ދެގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ކައިރި މުސްތަގްބަލެއްގައި ބާއްވާނެކަން ސައުދީންވެސް މިހާރުވަނީ ކަށަވަރުކޮށްދީފައެވެ.

ސައުދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން

ސައުދީ އަރަބިއާ އާއި ސީރިއާގެ ގުޅުންތައް ކެނޑުނީ 2011 ވަނަ އަހަރު ސީރިއާގައި ފެށުނު ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ. މިހަނގުރާމައިގާ ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާއާއި ޔޫރަޕާ އަދި ތުރުކީ އޮތީ ސީރިއާގެ ވެރިކަން ވައްޓާލުމަށް ހަތިޔާރާއެކު މަސައްކަތްކުރި، ހުޅަނގަށް ތާއީދުކުރާ ސީރިއާގެ އިދިކޮޅު ޖަމާއަތްތަކުގެ ފަހުގައެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައިގާ ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ހަތިޔާރު ފޯރުކޮށްދީ އެމީހުންނަށް ތަމްރީންދެމުން ގެންދިޔަ މައިގަނޑު ދެގައުމަކީ އެމެރިކާއާއި ތުރުކީ އެވެ. މިކަމަށް ފައިސާ ޚަރަދުކުރި މައިގަނޑު ތިން ގައުމަކީ ސައުދީ، ގަތަރު އަދި ޔޫއޭއީ އެވެ.

ސީރިއާގެ ޚާރިޖީ ވަަޒީރު ފައިސަލް އަލް މިގްދާދު

ނަމަވެސް ސީރިއާގެ ދާޚިލީ ހަނގުރާމައިގާ ރަޝިއާއާއި އީރާން އަދި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ މަދަދާއެކު ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމުގައި ސީރިއާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކާ ތުރުކީގެ އެހީގައި ސީރިއާއަށް ވަދެގަތް އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ކާމިޔާބު ނުލިބުމުން 2019 ވަނަ އަހަރުން ފެށިގެން ސައުދީއާއި ޔޫއޭއީ ވަނީ އިދިކޮޅު ހަނގުރާމަވެރިންނާ ދުރުވެ ބައްޝާރުގެ ސަރުކާރާ މަޑުމަޑުން ގާތްވާން ފަށާފައެވެ.

މިދިޔަ އަހަރު ތުރުކީވެސްވަނީ ބައްޝާރުގެ ސަރުކާރާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. ނަމަވެސް ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިން އަދިވެސް ހިމާޔަތް ހޯދަމުން ގެންދަނީ ތުރުކީގެ ކިބައިންނެވެ. އިދިކޮޅު ލީޑަރުންގެ މައި މަރުކަޒަކީވެސް ތުރުކީއެވެ. އަދި ތުރުކީ ސިފައިންވަނީ ސީރިއާގެ އުތުރުގެ ބޮޑުބަޔަކަށް އަރައި އެތަންތަން ގަދަބާރުން ހިފާފައެވެ. ތުރުކީއާއެކު ގުުޅުންތައް ރަނގަނޅު ކުރެވޭނީ ތުރުކީ ހިފާފައިވާ ސީރިއާގެ ބިންތަކުން ފޭބުމުންކަމަށް ސީރިއާ ބުނެއެވެ.

ސީރިއާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިވެރިވި ގައުމުތަކުގެ ތެރެއިން އަދިވެސް ގޮތްބަދަލުކުރަން ފަސްޖެހެނީ ގަތަރާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކެވެ. މިފަރާތްތަކުން އަދިވެސް ގެންގުޅެނީ ސީރިއާގެ އިދިކޮޅު ޖަމާއަތްތައް ވެރިކަމަށް ގެނައުމުން އެގައުމުތަކުގެ މަސްލަހަތަށް ލިބޭނެ ފައިދާތަކުގެ ޒަމާންވީ ހުވަފެންތަކެވެ.

އެމެރިކާއާއި ޔޫރަޕް ގެންދަނީ ސީރިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ސީރިއާ އަލުން ބިނާކޮށް އާރާސްތުކުރުމަށް ދެކޮޅު ހަދަމުންނެވެ. ނަމަވެސް ޔޫއޭއީ އާއި ސައުދީ ގެންދަނީ ސީރިއާ ސަރުކާރާ ގާތްވެ ސީރިއާގެ ރެފިއުޖީންނަށް އިންސާނީ އެހީތައް ފޯރުކޮށްދެމުންނެވެ.

މިދިޔަ ހަފްތާގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދުވަނީ ޔޫއޭއީ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު އާލް ނިހްޔާން އާ ބައްދަލުކުރައްވާފައެވެ. މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންވެސް ބައްޝާރު ޔޫއޭއީ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.

ޔޫއޭއީވަނީ އެގައުމުގެ އެންބަސީ އަލުން ސީރިއާގައި ހުޅުވައި ސީރިއާއާއެކު ޑިޕްލޮމެޓިކް ގުޅުންތައްވެސް މިހާރު ގާއިމް ކޮށްފައެވެ. ޔޫއޭއީގެ ޚާރިޖީ ވަޒީރުވެސްވަނީ އެތަށްފަހަރަކު ސީރިއާއަށް ވަޑައިގެންފައެވެ.

ސައުދީވެސް މިދިޔަ ހަފްތާގައިވަނީ ސީރިއާއާ ޑިޕްލޮމެޓިކް ގުޅުންތައް އަލުން އިއާދަ ކުރުމަށްޓަކައި ދެގައުމުގެ ދެމެދުގައި ކޮންސިއުލޭޓް ޚިދުމަތްތައް އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އަދި ސައުދީއާއި ސީރިއާގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް ބޭއްވުމަށް ދެގައުމުން ތައްޔާރުވަމުންދާކަމުގެ ޚަބަރުތައް ސައުދީ އިސް މަސްއޫލުވެރިއަކާ ހަވަލާދީ ވަނީ ފެތުރިފައެވެ. ސައުދީންވެސް މިކަންވަނީ ކަށަވަރުކޮށްދީފައެވެ.

ނަމަވެސް މިބައްދަލުވުމުގެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ. ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ސައުދީ އާއި ސީރިއާގެ އިސްވެރިން ކަމަށްވާ މުހައްމަދު ބިންސަލްމާން އާއި ބައްޝާރުލް އަސަދުގެ ބައްދަލުވުމެއް ބާއްވާގޮތަށް ރާވަމުންދާކަމަށް ސްޕޮޓްނިކް ބުނިނަމަވެސް ސައުދީ ސަރުކާރުން މިކަން އަދި ކަށަވަރުކޮށެއް ނުދެއެވެ. ސައުދީ ދާދިފަހުންވަނީ ސީރިއާ ސަރުކާރަށް އެންމެބޮޑަށް ވާގިވެރިވާ އީރާން އާ ސުލްހަވެ އީރާނާއެކު ސިޔާސީ ގުޅުންތައް ގާއިމްކުރަންވެސް ނިންމާފައެވެ.