އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީ އިން މާލޭގެ ބޮޑެތި މަގުތަކުގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.

ދަރުބާރުގޭގެ ފުރަގަހުން އޮންނަ އުސްފަސްގަނޑުން ހަވީރު ފެށި ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ހިނގުމަށް ފަހު އިރު އޮއްސުނު އިރު ނިންމާލީ ވެސް އުސް ފަސްގަނޑަށެވެ.

މިއަދުގެ ހިނގާލުމުގައި އެމްޑީޕީ އިން އަޑު އުފުލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާ ދެއްވައި އަވަސް އިންތިހާބެއް ބޭއްވުމަށެވެ. އަދި މިއަދުގެ ހިނގާލުމުގައި ކޮމަންވެލްތުން ގޮވާލާފައިވާ ގޮތަށް އިންކުއަރީ ކޮމިޝަން މިނިވަން ކުރުމަށް އަޑުއުފުލި އެވެ.

ކުރިން އެމްޑީޕީ އިން އަޑުއުފުލަމުން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބެއްލެވުމުގެ ދަށުން އަވަސް އިންތިހާބެއް ބޭއްވުމަށެވެ. ނަމަވެސް މިއަދުގެ ހިނގާލުމުގައި އެމްޑީޕީ އިން އަޑު އުފުލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް އިސްތިއުފާ ދެއްވުމަށެވެ.

އެމްޑީޕީ އިން ވަނީ މަޖިލީހުގެ ރައީސް އަމިއްލައަށް ކަންކަން ނިންމަވާ ކަމަށް ތުހުމަތުކޮށް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދައިފަ އެވެ.

ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޑީއާރުޕީ އިން ބުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރާނެހާ ވޯޓު އެމްޑީޕީ އަށް ނުހޯދޭނެ ކަމަށާއި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ނުކުރެވޭނެ ކަމަށެވެ.