24 Mar 2023, 23:51
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަ ނުނިމި ދިގުލައިގެން ދާތީ އެކަން ހައްލުކުރުމަށް ގޮވާލައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުވައިފިއެވެ.
އެސިޓީގައި ބުނެފައިވަނީ އެމްއެންޕީން އެމައްސަލަ ރައީސްގެ ސަމާލުކަމަށް ގެންނަން ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ ކޯޓުތަކުން މާނަކުރާ ގޮތަށް ބަލައި، އެމައްސަލައަކީ ގާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައެއް ކަމަށް ފާހަގަކުރެވޭތީ ކަމަށެވެ.
މިއީ ރައްޔިތުންގެ އަސާސީ ހައްގާވެސް ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުންނާއި، ގާނޫނުގެ ވެރިކަން ކުރިއެރުވުމުގެ ޒިންމާ އާއި، ރައްޔިތުންގެ ހައްގުތަށް ރައްކާތެރިކޮށް ދިނުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތުގެ ހައިސިއްޔަތުން މި މައްސަލަ ހައްލުކުރުމަކީ ރައީސް ޞާލިޙް އަދާ ކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތެއް ކަމަށެވެ.
މިމައްސަލައިގައި އެމްއެންޕީން މައިގަނޑު ދެކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ، ޝަރީއަތް ނިމެންދެން ބަންދުކުރެވިފައި ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގެ ހައްޔަރުގައި ތިބިއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އެ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ފަނޑިޔާރުގޭގައި ނުހިނގާތީ ހުރިހާ ފަރާތްތަކަށް އެވަނީ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައި ކަމެވެ.
އަދި، އޭގެ ތެރެއިން ބައެއް މިހުންގެ ޝަރީޢަތް ނުހިނގާ އަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވާ ކަމަށާއި، ބޮޑު މައްސަލައަކަށް ތުހުމަތުކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެވޭނެ ގާނޫނީ ހަމައެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިމަހުގެ ހަތް ވަނަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރެއްވުމުން ވެސް މިކަމުގެ އަސްލު މައްސަލަ ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ވާހަކަ ވިދާޅުނުވާ ކަމަށްވެސް ސިޓީގައި ވެއެވެ.
އެމްއެންޕީން ބުނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށްގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތައް އަވަހަށް ނިންމުމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅާފައިވާ އިޖުރާއަތް ހިންގޭނެ ފަހި އިންތިޒާމްތަކެއް ފަނޑިޔާރުގެއަށް ފަހިކޮށްދެއްވައިގެން، ބަންދުގައިވާ މީހުންނަށް އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް އެޕާޓީން ވަނީ އެދިފައެވެ.