ގިނަ ބައެއްގެ މަޤުބޫލުކަން ހޯދި ފިލްމު "ޕަރިނީތާ" އަދި "މަރްދާނީ"ގެ ޑައިރެކްޓަރު ޕްރަދީޕް ސަރުކާރު މަރުވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި 68 އަހަރުގެ ޑައިރެކްޓަރު ހޮސްޕިޓަލަށް ގެންދިޔައީ މާ ބޮޑަށް ހާލު ދެރަވުމުގެ ސަބަބުންނެވެ. ޕްރަދީޕްގެ ކުއްލި މަރާ އެކު ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ޢާއިލާއަށް ތަޢުޒިޔާގެ މެސެޖުތައް ފޮނުވާ ޢާއިލާއާއި ބައްދަލު ވެސް ކޮށްފައެވެ.

ޕްރަދީޕް ޑައިރެކްޓް ކޮށްފައިވާ ރީތި ފިލްމުތަކުގެ ތެރޭގައި، ބަތަލާ ރާނީ މުކަރްޖީގެ ފިލްމު "ލާގާ ޗުނަރީ މޭ ދާގް"، ބަތަލާ ކާޖޮލް ކުޅުނު ފިލްމު "ހެލިކަޕްޓަރު އީލާ" އަދި ބަތަލާ ދިޕިކާ ޕަދުކޯންގެ "ލަފަންގޭ ޕަރިންދޭ" ހިމެނެއެވެ.

މީގެ އިތުރުން، ޕްރަދީޕް ވަނީ ޒީ5އިން ގެނެސްދިން ތިން ވެބް ސީރީޒްއެއް ވެސް ޑައިރެކްޓް ކޮށްފައެވެ. ޕްރަދީޕް ޑައިރެކްޓްކުރި ފިލްމު "ޕަރިނީތާ"އަކީ 2005ވަނަ އަހަރު ރިލީޒްވި ފިލްމުތަކުން އެ އަހަރު ފިލްމް ފެއާ އެވޯޑްވެސް އުފުލާލި ފިލްމެކެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު 'ދާދާ'ގެ ނަމުން މުޚާޠަބު ކުރާ ޕްރަދީޕްގެ މަރާ އެކު ބައެއް ފިލްމީ ތަރިން ބުނެފައިވަނީ މިއީ ހިންދީ ސިނަމާއަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެއް ކަމަށެވެ.

ޕްރަދީޕާ އެކު ވަރަށް ގާތުން ދެ ފިލްމެއްގައި މަސައްކަތްކުރި ބަތަކާ ރާނީ މުކަރްޖީ ބުނެފައިވަނީ، މީގެ ދެ ދުވަހެއްހާ ކުރިން ޕްރަދީޕާ ފޯނުން ވާހަކަ ދެއްކުނު ކަމަށެވެ. އަދި، މި ހަފުތާގެ ތެރޭގައި ޕްރަދީޕާ ބައްދަލުކުރުމަށް ނިންމި ކަމަށް ވެސް ބަތަލާވަނީ ބުނެފައެވެ.

ބަތަލާ ކަންގްނާ ރަނާވަތު ބުނެފައިވަނީ މިދިޔަ އަހަރު ޑައިރެކްޓަރު ޕްރަދީޕް އިޢުލާނުކުރި ފިލްމުގެ މަސައްކަތުގައި ވަރަށް ގިނައިން އެކީގައި މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަޖޭ ދޭވްގަން އަދި ހަންސަލް މެހެތާފަދަ ބޮލީވުޑްގެ ފަންނާނުން ވަނީ ޕްރަދީޕްގެ މަރާ ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ. އިއްޔެ ހަވީރު ޑައިރެކްޓަރުގެ ޖަނާޒާ ބާއްވާފައިވާއިރު ޕްރަދީޕާ އެކު ގާތުން މަސައްކަތްކުރި ގިނަބަޔަކު ވަނީ މި ޖަނާޒާގައި ބައިވެރިވެފައެވެ.