25 Mar 2023, 11:22
ޓެލެވިޒަން ބަތަލާ އަދި ކަލާސްއިން ގެނެސްދިން ބިގްބޮސް5 ކާމިޔާބުކުރި ތޭޖަސްވީ ޕްރަކާޝްއަށް ޕްރޮޑިއުސަރު ރޯހިތް ޝެޓީގެ ފިލްމަކުން ފުރުޞަތު ލިބިއްޖެއެވެ.
ކޮމެޑީ ފިލްމުތަކާއެކު ވަރުގަދަ ސްޓަންޓްތައް ހިމަނައިގެން އެކްޝަން ފިލްމުތައް ގެނެސްދޭ ރޯހިތް ޝެޓީ އެހެންފަހަރުތަކާ ޚިލާފަށް މިފަހަރު ކިޔައިދެނީ ވަރަށް ތަފާތު ވާހަކައެކެވެ.
"ސްކޫލް ކޮލެޖް އަނީ ލައިފް"ގެ ނަމުގައި ރޯހިތް ގެނެސްދޭ މިފިލްމަކީ މަރާޓީ ފިލްމެކެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ މިފިލްމަކީ، ޅަ ދުވަސްތަކާއެކު ފުރާވަރަށް އަރަމުން އަންނަ ޒުވާނެއްގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ.
ރޯހިތް ބުނެފައިވަނީ މިފިލްމަކީ ހަމައެކަނި ލޯބީގެ ވާހަކަތައް ކިޔައިދޭ ފިލްމެއް ނޫންކަމަށާއި ޢާއިލީ ގުޅުންތައް ދެމެހެއްޓުމުގެ މުހިއްމުކަންވެސް ފިލްމުން ފެންނާނެކަމަށެވެ. "ބިގް ބޮސް5"ގެ ކާމިޔާބީއަށްފަހު ތޭޖަސްވީ ވެފައިވަނީ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ގިނަބައެއްގެ ސަމާލުކަން ހޯދި ބަތަލާއަކަށެވެ.
މީގެކުރިންވެސް ތޭޖަސްވީވަނީ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ގެނެސްދިން މަރަޓީ ފިލްމެއްގައި މަސައްކަތްކޮށްފައެވެ. މިފެށޭ އޭޕްރިލް މަހުގެ 14ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާ މިފިލްމުން ތޭޖަސްވީއާއެކު ފެންނާނީ މަރާޓީ އެކްޓަރު ކަރަން ޕަރަބްއެވެ.
ކޮވިޑް-19އިގެ ޕެންޑަމިކްތެރޭގައި އިއުލާނުކޮށް މަސައްކަތް ފެށުނު މިފިލްމުގައި މަސައްކަތްކުރަން ލިބުމަކީ ނުލާހިކު އުފާވިކަމެއްކަމަށް ބަތަލާވަނީ ބުނެފައެވެ.
ޚާއްސަކޮށް ޕްރޮޑިއުސަރު ރޯހިތް ޝެޓީފަދަ ތަޖުރިބާކާރު ޕްރޮޑިއުސަރެއްގެ ފިލްމަކުން ފުރުސަތު ލިބުމަކީ ތޭޖަސްވީގެ ފިލްމީ ކެރިއަރަށް ލިބުނު އިތުރު ކުރިއެރުމަކާއި ކާމިޔާބީއެއްކަމަށް ބަތަލާވަނީ ބުނެފައެވެ.
ރޯހިތް ޝެޓީ ބެލުންތެރިންނަށް އެންމެފަހުން ގެނެސްދީފައިވަނީ މިދިޔަ އަހަރު ރިލީޒްވި ފިލްމު "މޭޑް އިން އިންޑިއާ" އަދި "ސާކަސް"އެވެ. ރޯހިތް ޝެޓީ އަންނަނީ އެމޭޒަން ޕްރައިމްއާއި ގުޅިގެން "އިންޑިއަން ޕޮލިސް ފޯސް"ގެ ނަމުގައި ވެބް ސީރީސްއެއްގެ މަސައްކަތްވެސް ކުރަމުންނެވެ.