އެކްޓަރު އަންގަދް ބޭދީ ސައުތް ސިނަމާއަށް ކުޅޭ ފުރަތަމަ ފިލްމަށް ތައްޔާރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

"ނާނީ 30" ނަމަކަށްކިޔާ މިފިލްމުން އަންގަދްއާއެކު ބަތަލާގެ ރޯލްއިން ފެންނާނީ މްރޫނާލް ތާކުރްއެވެ. މްރޫނާލްގެ އިތުރުން ތެލުގޫ ގިނަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު ނާނީވެސް މިފިލްމުގެ މުހިއްމު ރޯލްއިން ފެންނާނެއެވެ.

އަންގަދްއާއި މްރޫނާލް މީގެކުރިންވެސްވަނީ އެކީގައި މަސައްކަތްކޮށްފައެވެ. އެއީ އާރް.ބަލްކީ އުފެއްދާ ރިލީޒްކުރުމުގެ މަރުޙަލާގައިއޮތް ކުރު ފިލްމު "ލަސްޓް ސްޓޯރީސް2"ގައެވެ.

އެކްޓަރު އަންގަދްއާ ހަވާލާދި "ނާނީ 30"ގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ އަންގަދް ސައުތް ސިނަމާގެ ފިލްމެއްކުޅެން ޝައުޤު އުފެދުނު އެންމެބޮޑު ސަބަބަކީ، ތަފާތު އެކި އޯޑިއަންސްތަކަށް އަމާޒުކޮށްގެން އުފައްދާ ފިލްމެއް ތަޖުރިބާކޮށްލުމަށެވެ. ފިލްމު "ނާނީ 30"އަކީ ޖަޒުބާތީ ޑްރާމާ ފިލްމެކެވެ.

ފިލްމުގައި ބޮޑަށް ދައްކުވައިދޭނީ ބައްޕައަކާއި އަންހެން ދަރިއަކާ ދެމެދު އޮންނަ ޖަޒުބާތީ ގުޅުމުގެ ވާހަކަތަކެކެވެ. ފިލްމުގައި އަންގަދްއާއި މްރޫނާލް ފެންނާނީ ކޮންކަހަލަ ރޯލްތަކަކުންކަން ހާމަކޮށްފައިނުވާއިރު އެކްޓަރު އަންގަދް ބެދީވަނީ ދާދިފަހުން މިފިލްމުގެ ސްކްރީން ޓެސްޓިންގް ހައިދަރް އާބާދްގައި ފުރިހަމަކޮށްފައެވެ.

މޮޑެލްކުރުމުގެ ދާއިރާގައި މީގެކުރިން މަސައްކަތްކުރި އަންގަދް 2004ވަނަ އަހަރު ފިލްމީ ދާއިރާއަށް ތަޢާރަފްވި ފިލްމަކީވެސް ސައުތް ސިނަމާގެ ފިލްމެއް އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ. ވަރަށް ގިނަ ފިލްމުތަކެއްގައި ސަޕޯޓިންގް ރޯލްއިން ފެނިފައިވާ އަންގަދް އެންމެފަހުން ފެނިފައިވަނީ 2020ވަނަ އަހަރު ރިލީޒްވި ފިލްމު "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް"އިންނެވެ.

މީގެއިތުރުން އަންގަދްއަކީ އެކްޓަރު ސަލްމާން ޚާންގެ އެކްޝަން ފިލްމު "ޓައިގާ"ގެ ފްރެންޗައިސްތަކުގައި މުހިއްމު ރޯލެއް އަދާކޮށްފައިވާ އެކްޓަރެކެވެ. ބަތަލާ ނެހާ ދޫޕިއާއާ ކައިވެނިކޮށް ދެ ކުދިންވެސް ލިބިފައިވާ އެކްޓަރު މިއަންނަ އަހަރު ރިލީޒްކުރެވޭ ފިލްމު "ޓައިގާ3"އިންވެސް ފެންނާނެއެވެ.