ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެމްޕެއިން އާ ގުޅޭ މަސައްކަތްތައް ކުރަން އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާ ހަވާލުކޮށްފިއެވެ.

ޖޭޕީއިން ބުނީ ކެމްޕެއިން ޕްލޭނިންއާ ގުޅޭ މަސައްކަތްތައް ކުރަން އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު އަމީނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ޖޭޕީގެ އެންމެހާ މެމްބަރުން، އަމީނަށް އެއްބާރުލުން ދިނުމަށް އެ ޕާޓީއިން ވަނީ އެދިފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީއިން ވަކިން އިންތިޚާބުގައި ވާދަ ކުރަން ނިންމީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރަކަށް ވާދަ ކުރެއްވުމަށް އެކުލަވާލާ ކޯލިޝަންގައި ބައިވެރިވުމަށް ދައުވަތު އަރުވާފައި ވަނިކޮށެވެ.

ޖޭޕީން ނިންމާފައި ވަނީ އެ ޕާޓީން އިސްވެ ހަދާ ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވި ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެކަން ހާމަކުރައްވަމުންނެވެ. އަދި ގާސިމް ރިޔާސީ ރޭހުގައި ވާދަ ކުރެއްވުމަށް ނަޝީދު ބާރުއަޅުއްވައެވެ.