24 Mar 2023, 13:15
އިސްރާފުކުރުމަކީ ނިއުމަތްތަކަށް ޝުކުރު ނުކުރުން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ ރަމަޟާން މަހަކީ ސަވާބާއި ދަރުމައިގެ މަގުތައް ހުޅުވިފައިވާ މަތިވެރި މައްސަރެއް ކަމަށެވެ. އަދި ހެޔޮ ކަމާއި ދަރުމައިގެ ފޯވައްސެއް ކަމަށާއި ނަމަވެސް މުސްލިމުންގެ ތެރޭގައި އެ މަސް ވެފައި ވަނީ، ކާބޯތަކެތީން އިސްރާފުކުރުން ގިނަ މަހެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ރަމަޟާން މަހަށް ހާއްސަކޮށް އިސްރާފުކުރުމާ ގުޅޭގޮތުން މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާއިރު، އެއްވެސް މަހެއްގައި އިސްރާފުކުރުމަކީ މާތްﷲ ރުހިވޮޑިގެންވާ އަމަލެއް ނޫން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.
"މިއަދު އިންސާނުންނާ ކުރިމަތިވެފައިވާ އިޖުތިމާއީ ބަލިތަކުގެ ތެރޭގައި އިސްރާފުކުރުން ހިމެނޭ. މިކަން ގުޅިފައިވަނީ ތަނަވަސްކަމާ. ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެ ނަމަ، އިސްރާފުކުރުމުގެ ދޮރުތައް ހިނގައިދާނެ،" ޚުތުބާގައި ބުންޏެވެ.
ޙުތުބާގައި ބުނިގޮތުގައި، ހެޔޮ ގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ހައްގު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީ ވެސް އިސްރާފުކުރުމެވެ. އަދި ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ މުދަލާއި ކާއެއްޗެހި އުކާނުލައި، އެތަކެތި ބޭނުންކުރުމަށް އިސްލާމްދީން ބާރުއަޅާ ކަމަށް ޚުތުބާގައި ބުންޏެވެ. މި ތަކެއްޗަކީ މާތްﷲގެ ނިއުމަތްތައް ކަމަށާއި އެ އިސްރާފުކުރުމަކީ ޝުކުރުވެރިނުވުން ކަމަށް ޚުތުބާގައި ބުންޏެވެ.
މާތްﷲ ދެއްވި އެއްވެސް ނިއުމަތަކުން އިސްރާފުކުރުމަކީ އެކަލާނގެ ރުހިވޮޑިގެންނަވާ ކަމެއް ނޫން ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
"އަހަރެމެންގެ އުމުރާއި، ވަގުތު ބޭނުންކުރަންވާނީ ﷲ ރުއްސަވާ ގޮތުގައިވެ. ނޫންނަމަ ގިޔާމަތް ދުވަހުން އަހަރެމެންނާ ސުވާލުކުރެވޭނެ. މީގެ އިތުރުން މިއަދު ފަސޭހައިން ލިބެން ހުންނަ ފެނާއި ކަރަންޓަކީ އަހަރެމެން ވަރަށް ބޮޑަށް އިސްރާފުކުރާ ދެ ނިއުމަތް. އެއްވެސް ބޭނުމެއް ނެތި، ބޮޑެތި އޮފީސްތަކާއި ގެދޮރު ދިއްލާފައި ހުންނަނީ ކިތައް ފަހަރު؟." ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ބޭކާރު ކަންކަމުގައި ހޭދަކުރުމަކީ އިސްރާފު ކުރުން ކަމަށާއި އެއީ އިސްލާމް ދީނުގައި ހިމެނޭ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މުސްލިމުންގެ ގޮތަކީ ހައްގު ގޮތުގައި މުދާ އެއްކޮށް، ބޭނުންތެރި ކަންކަމަށް ހޭދަކުރުން ކަމަށާއި މިއަދު އިސްރާފުކުރަނީ ހަމަ އެކަނި މުއްސަނދިން ނޫން ކަމަށް ހުކުރު ޚުތުބާގައި ބުންޏެވެ. އެގޮތުން އަތްމަތި ދަތި މީހުން ވެސް ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކުރުމަށްޓަކައި، ދަރަނި ނަގާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެކަން ކުރަނީ ޒަމާނާއެކު ތަނަވަސް މީހުންނާ ފައިހަމަކުރުމުގެ ބަހަނާގައި ކަމަށެވެ.
މުސްލިމުންނަކީ ލިބޭ އެއްޗަކުން ފުއްދާލައިގެން ދިރިއުޅޭ ބައެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންކަމުން ލިބިފައިވާ ތަނަވަސްކަމުން އިސްރާފުކުރުމުގެ ބަދަލުގައި ދީލަތިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.