03 Aug 2010, 10:17
14:30
މާލޭގައި ހިނގާ މާރާމާރީ އާއި، ކުށްވެރިން ދޫވެފައިވާ މައްސަލަ އާއި، ފުލުހުން ސިޔާސީ ވާހަކަ ދައްކަމުންދާ މައްސަލައިގައި، ޑިޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޝްވާނާއި، ޑީޕީއާރުއެސްގެ އިސް ވެރިން ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރު ކުރައްވައިފި އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު މިއަދު ވިދާޅުވީ، ކޮމިޓީން ކުރި ބައެއް ސުވާލުތަކަށް ޑިޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ސީދާ ޖަވާބު ދެއްވާފައިނުވާ ކަމަށެވެ. އަދި ބޭސްކުރުމަށްޓަކައި ކުށްވެރިން ރާއްޖެއިން ބޭރަށް ދިއުމަށް އުސޫލުތަކެއް ކަނޑައަޅާފައި ނެތުމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ދިމާވަމުންދާ ކަމަށް، ޑީޕީއާރުއެސްއިން ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވެ އެކަމުގެ ބައެއް ތަފްސީލް އިލްހާމް ދެއްވި އެވެ.