24 Mar 2023, 12:00
އަކްޝޭ ކުމާރުގެ މިހާރު ޝޫޓިންގް ފެށިގެން ކުރިޔަށްދާ ފިލްމު "ބަޅޭ މިޔާ ޗޯޓޭ މިޔާ"ގެ ސްކޮޓްލޭންޑް ޝެޑިއުލްގެތެރެއިން އެކްޓަރަށް އަނިޔާވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސްގައި ބުނެފައިވަނީ، އަކްޝޭއަށް އަނިޔާވެފައިވަނީ ފިލްމަށް ނަގަމުންދިޔަ ސްޓަންޓް ސީންއެއްގެ ތެރެއިން ކަމަށެވެ. މިސީން ނަގަމުންދިޔަ ވަގުތު އެކްޓަރުގެ ކަކުލަށް އަނިޔާވެފައިވާ ކަމަށާއި މިއީ އެހާ ސީރިއަސް އަނިޔާއަކަށް ނުވިނަމަވެސް ފިލްމުގެ ޝޫޓިންގް މެދުކަނޑާލަން ޖެހުނު ކަމަށެވެ.
މި އަނިޔާއަށްފަހު ފިލްމުގައި ދެން ޝޫޓްކުރަން ހަމަޖެހިފައިވާ އަކްޝޭގެ ސީންތައް ނެގޭނީ އެކްޓަރު ގާތުން ފެންނަގޮތަށް އެކަނިކަމަށް ޕްރޮޑަކްޝަން ޓީމާ ޙަވާލާދީ ހިންދުސްތާން ޓައިމްސްގައި ވަނީ ބުނެފައެވެ.
ކާމިޔާބު ޑައިރެކްޓަރު ޢަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މިފިލްމަކީ، ކޮމެޑީ އެކްޝަން ތްރިލާއެކެވެ. ހެއްވާ މަޖާ ހާދިސާތަކާއެކު އެކްޝަން ސީންތަކެއް ފިލްމުގައި ހިމެނޭއިރު އަކްޝޭއާއެކު ޒުވާން ސްޓަންޓް އެކްޓަރު ޓައިގާ ޝްރޮފްގެ ވަރުގަދަ ސްޓަންޓްތައްވެސް ފިލްމުން ފެންނާނެއެވެ.
އަކްޝޭ ކުމާރަކީ، ފިލްމުތަކުގައި ހިމެނޭ ސްޓަންޓް ސީންތައް އަމިއްލައަށް ކުޅެން ލޯބިކުރާ އެކްޓަރެކެވެ. ބައެއް އެކްޓަރުން ސްޓަންޓްއަށް ހާއްސަކުރެވިފައިވާ ފަރާތަކާއެކު ސީންތައް ޝޫޓްކުރިޔަސް އަކްޝޭ އަބަދުވެސް ޝައުޤުވެރިކަން ހުންނަނީ އަމިއްލަ ފިލްމުތަކުގެ ސީންތައް އަމިއްލައަށް ކުޅުމަށެވެ. އެގޮތުން ބައެއް ފިލްމުތަކުގެ މިފަދަ ސީންތައް ކާމިޔާބުކަމާއެކު ޝޫޓްކޮށްފައިވާއިރު ބައެއް ސީންތަކުގައި އަކްޝޭއަށް ސީރިއަސް އަނިޔާތައްވެސް ލިބިފައި އެބަހުއްޓެވެ.
އަންނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ މި ފިލްމު ފުރަތަމަ ޝެޑިއުލް އިންޑިއާގެ މުމްބާއިގައި ވަނީ ޝޫޓްކޮށް ނިންމާފައެވެ. ދާދިފަހުން ފިލްމުގެ ބައެއް މަންޒަރުތައް ހިމެނޭ ފޮޓޯތަކެއް ޑައިރެކްޓަރު ޢަލީ އައްބާސް ޒަފަރުވަނީ ސޯޝަލް މީޑިއާގައިވެސް ޕޯސްޓުކޮށްފައެވެ. ފޮޓޯތަކާއެކު ޒަފަރު ބުނެފައިވަނީ އަސްލާ އެއްގޮތް ސްޓަންޓްތަކާއެކު ޙަޤީޤީ ލޮކޭޝަންތަކުގައި ކުރިޔަށްދާ ޝޫޓިންތަކަކީ ނުހަނު ހިތްހަމަޖެހުން ލިބިގެންދާ ކަމެއްކަމަށެވެ. އަކްޝޭއާއި ޓައިގާ ޝްރޮފްގެ ޓީމަށް ދާދިފަހުން ބަތަލާ ސޮނާކްޝީ ސިންހާވެސްވަނީ ގުޅިފައެވެ.