24 Mar 2023, 11:44
ކޮވިޑަށް ފަހު ސިނަމާތަކުގައި އެންމެ ދުވަސް ވަންދެއް ރަސްކަން ކުރި އެވެޓާގެ ދެވަނަ ފިލްމު "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ޑިޖިޓަލް ނެރެން ތައްޔާރުވެއްޖެއެވެ.
ޖޭމްސް ކެމެރަންގެ އެވެޓާ ސިނަމާތަކުގައި އަޅުވަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ. އޭގެ ފަހުން މިހާރު ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް ފިލްމު ޑިޖިޓަލް ނެރެފައެއް ނުވެއެވެ. ގިނަ ދުވަސްތަކެއް ވަންދެއް ހަމައެކަނި ސިނަމާތަކުން ދައްކާފައިވާ އެ ފިލްމު އަންނަ ހަފުތާގެ ތެރޭގައި ރިލީޒްކުރާނެއެވެ.
ފިލްމުގެ ޑިސްޓްރިބިއުޓަރު ޑިޒްނީއިން ހާމަކޮށްފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ފިލްމުގެ ބްލޫރޭ ކޮލިޓީ ގަންނަން ލިބޭނެއެވެ. އެގޮތުން އެމޭޒަން ޕްރައިމް ވިޑިއޯ އާއި އެޕަލް ޓީވީ އަދި ވޫޑޫ އިން ފިލްމު ގަންނަން ލިބޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
ސްޓްރީމިން ސާވިސް މެދުވެރިކޮށް ފިލްމު ރިލީޒްކުރަން ނިންމި ނަމަވެސް އެ ފިލްމު ޖެހޭނީ ވަކިން ގަންނަން ނުވަތަ ރެންޓު ކުރާށެވެ. ޖުމްލަ ތިން ގަޑިއިރާއި 30 މިނެޓުގެ މި ފިލްމު އަންގާރަ ދުވަހު ރިލީޒްކުރާއިރު ފިލްމާއެކު އިތުރު ތިން ގަޑިއިރުގެ ބޯނަސް ކޮންޓެންޓް ލިބޭނެއެވެ. އޭގެތެރޭގައި އިންޓަވިއުތަކާއި އެކްސްޓެންޑެޑް މަންޒަރުތަކާއި ބީޓީއެސް ވެސް ލިބޭނެއެވެ.
ޖުމްލަ 2.2 ބިލިއަން ޑޮލަރުގެ އާމްދަނީއާއެކު އެވެޓާގެ ދެވަނަ ފިލްމަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތް ފިލްމެވެ. އެވެޓާ އެ މަގާމަށް އައިސްފައިވަނީ ކެމެރަންގެ އިތުރު ފިލްމެއް ކަމަށްވާ "ޓައިޓޭނިކް" ފަހަތަށް ޖައްސާލުމަށް ފަހުގައެވެ.
މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމަކީ ކެމެރަން 2009 ވަނަ އަހަރު ނެރުނު އެވެޓާގެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ އާމްދަނީ ތިން ބިލިއަން ޑޮލަރާ ގާތް ކުރެއެވެ.