24 Mar 2023, 11:12
ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމު ކުންފުނީގެ ދަށުން ހިންގާ ދަރްމެޓިކް އެންޓަޓެއިންމެންގެ ސީރީސް "ކޯލް މީ ބޭ"ގެ ފުރަތަމަ ޓީޒާ ދައްކާލައިފިއެވެ.
އިޝީތާ މޮއިތްރާ ސްކްރިޕްޓް ތައްޔާރު ކޮށްފައިވާ މި ސީރީޒް އަކީ، ބަތަލާ އަނަންޔާ ޕާންޑޭ ފެޝަނިސްޓާއެއްގެ ރޯލުން ފެންނާނެ ސީރީޒް އެކެވެ. އަނަންޔާއާ އެކު މި ސީރީޒުން ފެނިގެންދާނީ އެކްޓަރު ވަރުން ދަވަންއެވެ. މި ސީރީޒްގެ ޝޫޓިން ފެށިފައިވާ ކަމަށް އިޢުލާނުކުރަމުން ވަރުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓުގައި ބުނެފައިވަނީ ޕްރައިމްވާސްގެ އެންމެ ފަހުގެ ފެޝަނިސްޓާ އަކީ ބަތަލާ އަނަންޔާ ޕާންޑޭކަމުގައެވެ. ވަރުންގެ ޕޯސްޓާ އެކު ބަތަލާ އަނަންޔާ ވެސް ވަނީ މި ސީރީޒް ފެށިފައިވާކަން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ކަށަވަރު ކޮށްދީފައެވެ.
ކޮލިން ކުންޔާ ޑައިރެކްޓް ކުރާ މި ވެބް ސީރީޒް އަކީ ކަރަންގެ ދަރްމެޓިކް އެންޓަޓެއިން އާއި އެމޭޒަން ޕްރައިމްއާ ގުޅިގެން އުފައްދާ ސީރީޒް އެކެވެ.
"ކޯލް މީ ބޭ"ގައި އަނަންޔާ ފެނިގެންދާނީ ވަރަށް މުއްސަނދި ދިރިއުޅުމެއްގައި އުޅޭ ފެޝަނަށް ލޯބިކުރާ ޒުވާން ޑިޒައިނަރެއްގެ ރޯލުންނެވެ. އަމިއްލަ އާއިލާއާ ވަކިން ދިރިއުޅެމުން އަންނަ ޒުވާން ފެޝަން ޑިޒައިނަރު ދިރިއުޅުމާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ދާ ގޮތް މި ސީރީޒުން ފެނިގެން ދާނެއެވެ.
ކަރަން ޖޯހަރު އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ސީރީޒްގައި މި ކުންފުނީގެ އިތުރު ދެ ޕާޓްނަރުންވެސް މަސައްކަތްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
"ކޯލް މީ ބޭ" ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ. އެހެންނަމަވެސް ރިލީޒްކުރުމާ އެކު އެމޭޒަން ޕްރައިމްގެ ހުރިހާ ސަބްސްކްރައިބާސްއަކަށް ކޮންމެ ޤައުމެއްގައި ހުރެގެން ވެސް ސީރީޒް ބަލައިލެވޭނެ ކަމަށް އެމޭޒަންއިން ވަނީ ބުނެފައެވެ.
ދަރްމާ ކުންފުނިން 2019ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފްވި ބަތަލާ އަނަންޔާއަކީ މި ވަގުތު ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާއިންގެ އެންމެ އިސް ސަފުގައި ގުނާލެވޭ ބަތަލާއެކެވެ. ހަމައެއާ އެކު 2010ވަނަ އަހަރު ދަރްމާގެ ދިދައިގެ ދަށުން ބޮލީވުޑަށް ތަޢާރަފްވި ވަރުން ދަވަން އަކީ ވެސް މި ވަގުތު ހިންދީ ސިނަމާގައި އެންމެ ނަން ހިނގާ ހުނަރުވެރި އެކްޓަރެކެވެ.